މާލޭ ސިޓީ ކައުންސިލްގެ މީޑިއާ ޓީމުގެ އަސާސީ މުސާރައަށް މަހަކު ބޮޑު ހޭދައެއް ކުރަމުންދާއިރުވެސް، ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުންތަކުގެ ފޮޓޯއާއި ވީޑިއޯގެ އިތުރުން ޕްރެޒެންޓޭޝަންތަކަށް ބޮޑެތި ހަރަދުތަކެއް ހޭދަކޮށްފައިވާތީ އާންމުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ (އާރްޓީއައި) ދަށުން އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، މާލޭ ސިޓީ ކައުންސިލްގެ މީޑިއާ ޓީމުގައި ހިމެނޭ ދެ މީޑިއާ ކޯޑިނޭޓަރަށް 15،000 ރުފިޔާ، ކެމެރާމަނަށް 15،000 ރުފިޔާ އަދި ގްރެފިކްސް ޑިޒައިނަރަށް މަހަކު 18،000 ރުފިޔާ އަސާސީ މުސާރައިގެ ގޮތުގައި ދެއެވެ.މި މުސާރަތަކުގެ އިތުރުން، އެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާވެސް ކައުންސިލުން ދެމުންގެންދެއެވެ.
އެހެންނަމަވެސް، މުސާރައާއި އިތުރުގަޑީގެ ހަރަދު ހިމެނޭހެން އެތެރޭގެ މީޑިއާ ޓީމަށް ބޮޑު ހޭދައެއް ކުރަމުންދާއިރުވެސް، ބައްދަލުވުންތަކުގެ ވީޑިއޯއާއި ފޮޓޯ ނެގުމަށް ބޭރުގެ ފަރާތްތަކަށް އަދިވެސް ދަނީ އިތުރަށް ފައިސާ ހަރަދުކުރަމުންނެވެ.
މިގޮތުން، މިދިޔަ ޖުލައި މަހު ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވީޑިއޯ ޕްރެޒެންޓޭޝަނެއް ތައްޔާރުކުރުމަށް އެކަނިވެސް 129،600 ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި ކައުންސިލްގެ މީޑިއާ ޓީމަށް މަހަކު 63،000 ރުފިޔާ އަސާސީ މުސާރައިގެ ގޮތުގައި ހަރަދުވާއިރު، އެ ބައްދަލުވުމުގެ ފޮޓޯއާއި ވީޑިއޯ ނެގުމަށް ވަކިން ފޮޓޯގްރަފަރަކާއި ވީޑިއޯގްރަފަރެއް 18،000 ރުފިޔާއަށް ވަނީ ނަގާފައެވެ. މީގެ އިތުރުން ފެބްރުއަރީ މަހުގެ ބައްދަލުވުމުގެ ވީޑިއޯއަށް 135،000 ރުފިޔާ ހޭދަކޮށްފައިވާކަން ލިޔެކިޔުންތަކުން ދައްކައެވެ.