އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތު ބޮޑުވަޒީރަށް ދައުވަތު ދެއްވައިފި އެވެ.
ރައީސް އޮފީހުން ހާމަކުރިގޮތުގައި، މި ދައުވަތު ރައީސް ޑރ މުއިއްޒު ދެއްވާފައިވަނީ ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން މަސައްކަތް ކުރަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވި ރަސްމީ ސިޓީފުޅެއްގައެވެ.
ރައީސް އޮފީހުން އިތުރަށް ހާމަކުރެއްވި ގޮތުގައި، އެ ސިޓީފުޅުގައި އި ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއްކަމުގައި ތާރީހީގޮތުންވެސް ފެންނާން އޮތްކަން އަދި ޖިއޮގްރަފީ ގޮތުންވެސް އެއީ ރާއްޖެއާ މާގާތުގައި އޮތް ރަށެއްކަން ރައީސް ފާހަގަކުރައްވާފައިވެއެވެ. އަދި ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރެއްވުމަށް އިނގިރޭސިވިލާތުން ކުރަމުންދާ މަސައްކަތްތަކާ މެދު ރާއްޖެއިން އިންތިހާއަށް ކަންބޮޑުވާކަން އެމަނިކުފާނު ވަނީ ބަޔާންކުރައްވާފައެވެ.