ދިރާގުގެ މެޖޯރިޓީ ހިއްސާ އަދި އެމްޑަބްލިޔުއެސްސީގެ 100 އިންސައްތަ ހިއްސާ ސަރުކާރަށް ނެގުމަށް ކެބިނެޓުން ނިންމާފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ދިރާގުގައި އޮންނަ ސަރުކާރުގެ ހިއްސާ 51 އިންސައްތައަށް އިތުރުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.
“އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ދިރާގުގެ ޗޭއާ ވަނީ ވިއްކާލާފައި. ރައްޔިތުންގެ ވަރަށް ބޮޑު ހަރުމުދަލެއްް އެއީ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ދިރާގިގެ ޝެއާ 51 އިންސައްތައަށް ބޮޑުކުރުމަކީ ރައްޔިތުންގެ ހެވާއި ލާބާއަށްޓަކައި، ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށްޓަކައި، އަދި ރަޢްޖޭގެ އިގްތިސާދު ކުރިއަށްގެންދިއުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް،”
ރައީސް ވިދާޅުވީ، ކެބިނެޓްގެ އެ ނިންމުމާ އެކު، ކުރިން ވިއްކާލާފައިވާ ދިރާގުގެ ހިއްސާތައް އަނބުރާ ހޯދައި، ކުންފުނީގެ މެޖޯރިޓީ ކޮންޓްރޯލް 50 އިންސައްތައަށް ވުރެ ބޮޑުކުރުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ 20 އިންސައްތަ ހިއްސާ މިހާރު ހިފަހައްޓާފައިވަނީ ބޭރުގެ ކުންފުންޏަކުންނެވެ. ނަމަވެސް، އެ ކުންފުނި 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ހެދުމަށްޓަކައި، ބޭރުގެ ކުންފުންޏަށް ވިއްކާލާފައިވާ 20 އިންސައްތަ ހިއްސާ އަނބުރާ ގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.