އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) ގެ ސީއީއޯ އިންޖިނިއަރު ހާނީ ސާލެމް ސޮންބޮލް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމަކީ ރާއްޖޭގެ މާލީ އަދި ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަގުވާމީ މުއައްސަސާތަކާއެކު އޮންނަ ގުޅުންތައް ބަދަހިކުރެއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްޕުޅުތަކުގެ ތެރެއިން، ބޭއްވުނު ބައްދަލުވުމެކެވެ.
ރައީސް އޮފީހުން ބުނީ ، މި ބައްދަލުކުރެއްވުމުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އިގްތިސާދު ވަރުގަދަކުރުމާއި ވިޔަފާރީގެ ދާއިރާ ފުޅާކުރުމެވެ. މީގެއިތުރުން، ގައުމުގެ އުމްރާނީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫއުތައް ކުރިއަށްގެންދިއުމާ ގުޅޭގޮތުންނާއި، ސަރުކާރުގެ ތަރައްގީގެ ލަނޑުދަނޑިތައް ކާމިޔާބުކަމާއެކު ހާސިލުކުރެވޭނެ މަގުތަކާ ބެހޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ރައީސް އޮފީހުން އިތުރަށް ހާމަކުރި ގޮތުގައި، ބައްދަލުވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ ރާއްޖެއާއި އައިޓީއެފްސީއާ ދެމެދު އޮތް ގާތް އަދި ބަދަހި ގުޅުން ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.