ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފަޅު ރަށަކަށް އެކަހެރިވެވަޑައިގެން، ސިޔާސީ ގޮތުން ގުޅެން ބޭނުންވަނީ ކޮން ބަޔަކާ ކަމާމެދު ފުންކޮށް ވިސްނެވުމަށް ގޮވައިލައްވައިފިއެވެ.
ޕީީއެންސީއިން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ފަލާހު ވަނީ، އެ ޕާޓީގެ މެންބަރުންނާ ބެހޭގޮތުން ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދުދެއްވާފައެވެ.ދި ޔާމީން ކުރައްވާ ފުރައްސާރަތަކަށް އެއްވެސް ވަރަކަށް ސަމާލުކަންދީ، ރައްދު ދިނުމުގެ ޝައުގުވެރިކަމެއް ޕީއެންސީގެ މެންބަރުންގެ ނެތް ކަމަށްވެސް، ފަލާހު އިތުރަށް ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީރައީސް މުއިއްޒު އަށް ތާއީދު ލިބި ވެރިކަަމަށް ވަޑައިނުގަތްނަމަ، މިއަދުވެސް ރާއީސް ޔާމީން އޮންނަވާނީ ޖަލުގައި ކަމަށެވެ.
“ރާއްޖޭގެ ރައީސް ޔާމީނުގެ ވެރިކަމަކީ ދިވެހިރާއްޖޭގެ ތާރީހުގައިވެސް އެނެްމެ ގިނަ ކޮރަޕްޝަން ހިންގި ސަރުކާރު. އެހުރިހާ ކޮރަޕްޝަން އަމަލެއްގެ މޭސްތިރިއަކީ ރައީސް ޔާމީން.”
މީގެއިތުރުން، ފަލާހު ވިދާޅުވީ ޔާމީނާއެކު ބަހުސްކޮށް ޒުވާބު ކުރުމުގެ އެއްވެސް ވިސްނުމެއް އެބޭފުޅުންގެ ނެތް ކަމަށެވެ. އަދި ޖަމީލާއި މަލީހު ނުގޮވައި، ރައީސް ޔާމީން އެކަނި ފަޅު ރަށަކަށް ވަޑައިގެން، ދުވަސްކޮޅަކު އެކަހެރިވެ ހުންނަވައި ފުންކޮށް ވިސްނާވަޑައިގަތުމަށް ފަލާހު ލަފާދެއްވިއެވެ.
ހަމަމިއާއެކު ފަލާހު ވިދާޅުވީ، އޮތީ ދެ ގޮތެއް ކަމަށެވެ.އެއީ ގޭގައި ހުންނަވަން ބޭނުންފުޅުވުން ނުވަތަ ކުރިންވެސް ބަންދުކޮށްފައި ހުންނެވި މާފުއްޓަށް އަލުން އެނބުރި ވަޑައިގަތުންކަމަށް ފަލާހު ވިދާޅުވިއެވެ.ފަލާހު އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުން ބޭނުން ނުވާ އެތައް މައްސަލަތެކެއް އުފެދިފައިވާ ކަމަށާއި، އޭގެ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަން ކަމަށެވެ.
މަގުތައް އޮތީ ނާމާން ކަމެއްގެ ތެރޭގައި، ކަމަށާއި ރާއްޖޭގެ ގިނަ އަދަދެއްގެ ސިޔާސީ ލީޑަރުން ތަކެއް ނުހައްގުން ޖަލަށް ލާފައި ތިބި ކަމަށާއި އެމީހުން ހައްޔަރުކޮށްފައި ހުރީ ރައީސް ޔާމީންގެ އަމިއްލަ ބޭނުންފުޅަށްޓަަކއި ކަމަށް ފަލާހު ތުހުމަތު ކުރެއްވިއެެވެ.
ޔާމީންގެ ވެރިކަމުގައި ގައުމަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާކަމަށް ވިދާޅުވެ ފަލާހު ވަނީ ފާޑު ފިދާޅުވެފައެވެ.އަދި އެ ސަރުކާރުން ސިޔާސީ ލީޑަރުންނަށް ނުހައްގުން އަނިޔާވެރިވެ، އާންމު ރައްޔިތުން ވަރަށް ބޮޑަށް ހާލުގައި ޖެއްސި ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީގެއިތުރުން، ޔާމީނަކީ ސިހުރުވެރިކަމާއި ފަންޑިތަވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ފަލާހު ވަނީ ތުހުމަތު ކުރައްވާފައެވެ. އެގޮތުން 2018 ގެ ރިޔާސީ އިންތިހާބުން ޔާމީން ބަލިވުމުން، އިންތިހާބުން ކާމިޔާބު ކުރެއްވި އިބްރާހީމް މުހައްމަދު ސޯލިހަށް މަގާމުގެ ހުވާކުރެއްވޭނެ މަގު ބަންދުކުރުމަށްޓަކައިވެސް ޔާމީން ފަންޑިތަ ހެއްދެވި ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލް ރަހީމް އަބްދު ﷲ އަދި ރައްޔިތުންގެ މަޖިިލީހުގެ ބާރަށުގެ ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުވެސް ވަނީ ރައީސް ޔާމީން އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.