ތަރައްގީއަކީ ހަމައެކަނި ބުރިޖެއް ނޫން ކަމަށާއި، ހަގީގީ ތަރައްގީއަކީ ހަރުދަނާ އިންސާނީ މުޖުތަމައެއް ބިނާކޮށް ކުރިއެރުވުން ކަމަށާއި ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވަނީ އެ މަސައްކަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ޖަލްސާގައި ވާހަަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ، ސަރުކާރުގެ ފަސް އަހަރުގެ ދައުރު އަދި ނުނިމޭ ކަމަށާއި، އެހެންކަމުން ސަރުކާރަށް ފާޑުކިއުމުގެ އެއްވެސް ޖާގައެއް މިހާރު ނެތް ކަމަށެވެ.އަދި ސަރުކާރުން މިހާރު ހަލާސްކުރަމުންދަނީ މި ސަރުކާރުން ނެގި ދަރަނިތަކެއް ނޫން ކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
“އަޅުގަނޑު މިބުނަނީ މި ގައުމުގައި އަދުލު އިންސާފު ގާއިމުކުރާތަން މިއަދު ފެނެއޭ، މަގުމަތި އަމާންވެއްޖެއޭ، ރައްޔިތުން ތިބީ ހަމަޖެހިގެންނޭ، ތަރައްގީއަކީ ހަމައެކަނި ބުރިޖެއް ނޫން، ހަގީގީ ތަރައްގީއަކީ ހަރުދަނާ އިންސާނީ މުޖުތަމައެއް ބިނާކުރުން، އެމަސައްކަތް ކުރަމުން މި ދަނީ، ފަސް އަހަރެއް ނުނިމެއޭ، އަދި ނެތޭ ފާޑުކިޔޭކަށް ޖާގައެއް، އަޅުގަނޑުމެންގެ ސަރުކާރުން ނެގި ދަރަންޏެއް ނޫނޭ ދެއްކީކީ.”
ރައީސް މުއިއްޒު މިހާރު ދައްކާ ހާލާސްކުރީ ކުރީގެ ވެރިން ނަގާފައިވާ ދަރަނިތައް ކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއްިޒު އަކީ އިގްތިސާދީ މާހިރެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އެތެރެއިން ބައިބައިވުން އުފެއްދުމުގެ ޖާގައެއް އެއްވެސް ފަރާތަކަށް ނުދެވޭނެ ކަމަށާއި، ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ކާމިޔާބުކޮށްދެއްވުމަށްޓަކައި އެމަނިކުފާނު ހުންނެވީ ވަރަށް ސާބިތުކަމާއެކު ފިސާރި ގަދަކޮށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ޕީއެންސީގައި ތިބީ އެންމެ 3،022 މެންބަރުންނެވެ. ނަމަވެސް، މިއަދު 77،000 އަށްވުރެ ގިނަ މެންބަރުންނާ އެކު ޕީއެންސީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އޮތީ ރައީސް މުއިއްޒު ރައްޔިތުން އެދޭ ފަދަ ހަރުދަނާ ވެރިކަމެއް ކުރައްވަމުން ގެންދަވާތީ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، މި މަހުގެ 15 އިން 18 އަށް ކުރިއަށްދާ ޕީއެންސީގެ މަތީ މަޖިލީހުގެ ތެރެއިން، 2028 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނަށް ހާއްސަ ޓީމެއް އެކުލަވާލައި ފައިނަލް ކުރާނެ ކަމަށެވެ.