ޕީއެސްއެމް ސްޓޫޑިއޯގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ‘ސްޕޮކްސް ޕްރެސް’ ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކުރަންޖެހުނީ ‘އަދަދު’ ނޫހުގެ ނޫސްވެރިޔަކު ލައިވް ބްރޯޑްކާސްޓަށް ގަސްތުގައި ހުރަސްއެޅުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކުރުމަށްފަހު ދެއްވި ވީޑިއޯ މެސެޖެއްގައި ޝަރީފް ވިދާޅުވީ، ޕީއެސްއެމްގެ ސްޓޫޑިއޯގައި ބާއްވާ މި ސިލްސިލާ ބައްދަލުވުންތަކަކީ ރައީސް އޮފީހުން ގެޒެޓްކޮށްގެން، ވަކި ހާއްސަ މީޑިއާތަކަކަށް ދައުވަތު ދީގެން ބާއްވާ ޕްރެސް ބްރީފިންތަކެއް ކަމަށެވެ.
މީގެ ދެތިން މަސް ކުރިން ރައީސް އޮފީހުގައި ހިނގާދިޔަ ކަންކަމާ ގުޅިގެން ހިނގަމުންދާ ޖިނާއީ މައްސަލައަކާ ހެދި، ރައީސް އޮފީހުން ބާއްވާ ބްރީފިންތަކަށް ދައުވަތުދޭ މީޑިއާތަކުގެ ލިސްޓުން އަދަދު ނޫސް އުނިކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަކީ ރައީސް އޮފީހުގެ މީޑިއާ ގްރޫޕުގައި ހިމެނޭ ފަރާތްތަކަށް ދައުވަތު ދީގެން ކުރިއަށް ގެންދަން ހަމަޖެއްސި ބައްދަލުވުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.މުންދު ވިދާޅުވި ގޮތުގައި، ރައީސް އޮފީހުގެ މީޑިއާ ގުރޫޕުން އަދަދު ނޫސް ބޭރު ކުރީ، ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް އެ ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅިގެން އަދިވެސް އޭގެ ތަހުގީގު ކުރިއަށް ދާތީ އެވެ.އަދި އެއީ “މީޑިއާގެ ނަމުގައި އުޅުނަސް ޑްރާމާއާ ފިލްމު ކުޅޭ ބައެއް” ކަމަށް ވިދާޅުވެ އޭނާ ވަނީ އެ ނޫހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އަދަދުގެ ނޫސްވެރިޔާ ނުނިކުތުމުން ޓީވީއެމްގެ ލައިވް ބްރޯޑްކާސްޓް ކެންސަލް ކުރަން ޖެހުނު ނަމަވެސް، އެ ބައްދަލުވުން ފަހުން ބޭއްވީ ނުރަސްމީކޮށް ޕީއެސްއެމްގެ މުވައްޒަފުންގެ ކެފޭގައެވެ. އަދި ނޫސްވެރިންނަށް މައުލޫމާތު ދިނީ އެތަނުގައި ބޭއްވި ސައެއްގެ ތެރެއިންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއް ކޮށް ‘އަދަދު’ ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ. ނޫސްވެރިކަމުގެ ނިވާފަތްގަނޑުގައި ހިންގީ ގައިރު ގާނޫނީ އަމަލަކަށްވާތީ، ތަހުގީގު ނިމެންދެން ރައީސް އޮފީހުގެ ބްރީފިންތަކުން އެ ނޫސް ވަނީ ސަސްޕެންޑްކޮށްފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1