މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަން ޓާސްކް ފޯހުން އިއްޔެ ހިންގި ހާއްސަ ރޭޑެއްގައި، ޖުމްލަ 426 ބިދޭސީއަކު ބަލައި ފާސްކޮށް، އޭގެ ތެރެއިން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އުފައްދާފައިވާ ހާއްސަ ޓާސްކްފޯހުން 13 ބިދޭސީއަކު ހިފަހައްޓައި، އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި، ހުއްދަނެތި ވިޔަފާރިކޮށް މަސައްކަތްކުރާ ފަރާތްތައް ހޯދުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އާއި މޯލްޑިވްސް އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން ދަނީ ހާއްސަ އޮޕަރޭޝަންތަކެއް ސިލްސިލާކޮށް ހިންގަމުންނެވެ. މިގޮތުން އުފައްދާފައިވާ ހާއްސަ ޓާސްކް ފޯހުން މާލެ އާއި ހުޅުމާލޭގެ އިތުރުން އަތޮޅުތަކުގެ އެކި ރަށްރަށުގައި ވެސް ކުއްލި ރޭޑްތައް ބާއްވައި، ގަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ބަލައި ފާސްކޮށް، ފިޔަވަޅު އަޅައި ފޮނުވާލުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.