ސިއްހީ ދާއިރާގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، މިއަހަރުގެ ތެރޭގައި އެ ދާއިރާއަށް 2،000 އެއްހާ މުވައްޒަފުން އިތުރަށް ނެގުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް ބާއްވާ “ރައްޔިތުންގެ އަޑު” ޕްރޮގްރާމްގައި، ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރަކު ވަނީ އެ ހޮސްޕިޓަލާ ގުޅޭ ބައެއް ޝަކުވާތައް ރައީސްއާ ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންގެ އަދަދާ އަޅާބަލާއިރު، މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މަދުވުމުގެ ކަންބޮޑުވުން ހިމެނެއެވެ.
މި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މިއަހަރު އިތުރަށް މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ސިއްހީ ދާއިރާއަށް ކަމަށެވެ. އަދި މުޅި ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ޖުމްލަ 2،000 އެއްހާ މުވައްޒަފުން އެ ދާއިރާއަށް އަލަށް ގުޅޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އާންމު ބަލިތަކަށް ފަރުވާދިނުމަށާއި ކުދިކުދި ސިއްހީ ބޭނުންތަކަށް ހާއްސަކޮށްގެން ހުޅުމާލެ 1 އަދި ހުޅުމާލެ 2 ގައި ޖީޕީ ކްލިނިކްގެ ދެ މަރުކަޒު ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ދެ ތަނުގެ މަސައްކަތް ނިމުމުން އެ ތަންތަނަށް ބޭނުންވާ އިތުރު މުވައްޒަފުން ވަޒީފާއަށް ނަގާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.