ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ކާރިސާތަކާ ގުޅިގެން ހިންގާ އިންސާނީ އެހީގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ދިވެހި ސަރުކާރުން ނޭޕާލަށް 1 މިލިއަން ދިވެހި ރުފިޔާ ހަދިޔާކުރަން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރެއްވި މި އެހީއަކީ، ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް ހަދިޔާކުރުމަށް ނިންމާފައިވާ ފައިސާއެވެ.ރައީސް އޮފީހުން ބުނީ، މިއީ ސަރަޙައްދީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރާއްޖެއިން ބަހައްޓާ އަހައްމިއްޔަތުކަން ހާމަކޮށްދޭ އެހީއެއް ކަމަށެވެ. އަދި މިފަދަ ނާޒުކު ހާލަތްތަކުގައި އެކުވެރި ޤައުމުތަކަށް އެހީތެރިކަމާއި ހަމްދަރުދީ ފޯރުކޮށްދިނުމުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަން މިއިން ރަމްޒުކޮށްދޭ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
ނޭޕާލަށް ކުރިމަތިވި މި ހިތާމަވެރި ކާރިސާގައި ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގޮސް، ބޮޑެތި ހަލާކުތަކެއް ވުމާ ގުޅިގެން، ރައީސްވަނީ އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މިފަދަ ދަތި ދަނޑިވަޅެއްގައި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ނޭޕާލްގެ ރައްޔިތުންނާއެކު ކަމުގެ ޔަޤީންކަން ރައީސް އެރުވިއެވެ.