މީޑިއާގައި ދެކެވުނު ފޯނު ކޯލަކާ ގުޅިގެން ތުހުމަތުކުރެވޭ މުވައްޒަފަކު ވަޒީފާގެ މަސައްކަތްތަކުން އެކަހެރިކޮށް، އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯ އިން ސޯޝަލްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ކުންފުންޏަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ އެންމެ މުހިންމު އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެ އިސް ގައުމީ ޒިންމާ އުފުލަމުންދާ އެއް މުއައްސަސާ ކަމަށެވެ.އަދި ސްޓެލްކޯ އިން ބުނި ގޮތުގައި އެ ކުންފުނީގެ މުޅި ޓީމުގެ އެންމެ ބޮޑު އަމާޒަކީ އަދި މައިގަނޑު ފޯކަސްއަކީ ވެސް، 24 ގަޑިއިރު މެދުކެނޑުމެއްނެތި، އިތުބާރާއި ޔަޤީންކަމާއެކު ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމެވެ. އަދި ކުންފުނީގެ އަގުހުރި ވަގުތާއި ވަސީލަތްތައް އަބަދުވެސް ހޭދަކުރާނީ ޤައުމީ އަދި އިޖުތިމާޢީ ވާޖިބުތައް އަދާކުރުމުގައި ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
ސްޓެލްކޯ އިން ބުނީ، މީޑިއާގައި ދެކެވުނު ފޯނު ކޯލާ ގުޅިގެން އެކަން ހިނގާފައިވާ ގޮތް ތަހުގީގުކޮށް ބެލުމަށްޓަކައި، އެކަމުގައި ތުހުމަތުކުރެވޭ މުވައްޒަފު މިހާރު ވަނީ ވަޒީފާގެ މަސައްކަތްތަކުން އެކަހެރިކުރެވިފައި ކަމަށެވެ.އަދި މި މައްސަލަ ބެލުމަށްފަހު ކުންފުނީގެ ގަވާއިދުގެ ދަށުން އަޅަންޖެހޭ އިސްލާހީ ދި އިދާރީ ފިޔަވަޅުތައް ފަސްޖެހުމެއްނެތި އަޅަމުން ގެންދާނެ ކަަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
މީގެއިތުރުން، ސްޓެލްކޯ އިން ބުނީ، އެކުންފުނީގެ އަބަދުވެސް އަމާޒަކީ ރައްޔިތުންގެ އިތުބާރު ދަމަހައްޓައި، ފެންވަރު ރަނގަޅު ހިދުމަތެއް އަބަދުވެސް ފޯރުކޮށްދިނުމުގައި ދެމިތިބުން ކަމަށެވެ.
ސްޓެލްކޯއަކީ މާލޭގެ އިތުރުން ކައިރި ބައެއް ރަށްތަކަށް ކަރަންޓާއި ފެނުގެ ހިދުމަތް ދެމުން އަންނަ، ރައްޔިތުންގެ ދިރިއުޅުމާ އެންމެ ބޮޑަށް ގުޅިފައިވާ އެއް މުއައްސަސާއެވެ. އެހެންކަމުން ކުންފުނީގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާއި އަހުލާގާ މެދު ސުވާލު އުފެދޭ ފަދަ ކަންކަން މީޑިއާއަށް ތިލަވުމަކީ، ކުންފުނިން ދޭ ހިދުމަތްތަކާމެދު އާންމުންގެ މެދުގައި އޮންނަ އިތުބާރަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެކެވެ.