ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން “އަމާން އުދަރެސް” އަދި “އަމާން ދޯދި” ޓަވަރުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތްފަށާފައިވާކަމަށް ، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ)ގެ މެނޭޖިންގް ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަމްދާން ވިދާޅުވީ، “އަމާން އުދަރެސް” އަދި “އަމާން ދޯދި” ޓަވަރުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަޝްވަރާތައް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ) އިން ފަށާފައިވާ ކަމަށެވެ.
މިގޮތުން ޓަވަރުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅާއިރު،ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ވަކިން ފާހަގަކޮށް، އެ ތަންތަނަށް ހާއްސަ އިސްކަމެއް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން ކަމަށް ހަމްދާން ވިދާޅުވިއެވެ.
ސަރުކާރުންނާއި އެފްޑީސީއިން މި ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ، ދާދިފަހުން ހުޅުމާލޭގެ ޓަވަރެއްގެ މަތިން ކުޑަކުއްޖަކު ވެއްޓި ހިނގައިދިޔަ ހިތާމަވެރި ހާދިސާއާ ގުޅިގެންނެވެ.މި ހާދިސާއަށްފަހު، “އަމާން އުދަރެސް” އަދި “އަމާން ދޯދި” ޓަވަރުތަކުގެ ކުޑަދޮރުތައް ހުރި ގޮތުން ކުޑަކުދިންނަށް ނުރައްކާވެދާނެ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާތީ، މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެކަމަށް ރައްކާތެރި ހައްލެއް ހޯދުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދޭ ކަމެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.