މާމަމެންނާއި ކާފަމެންނަކީ ކޮންމެ އާއިލާއަކަށްވެސް އަގުނުކުރެވޭނެ ފަދަ ބޮޑު ނިއުމަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މާމަމެންނާއި ކާފަމެންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.މެޑަމް ވިދާޅުވީ މާމަ އަކަށް ނުވަތަ ކާފައަށް ވުމަކީ ހަޔާތުގެ ވަރަށް ހާއްސަ އަދި ބާއްޖަވެރި އިހުސާސެއް ކަމަށެވެ.
މެޑަމް ވިދާޅުވީ، ކޮންމެ އާއިލާއަކަށް އަގުނުކުރެވޭ ބޮޑު ނިއުމަތެއް ކަމަށާއި، ފުރިހަމަ ސިއްހަތާއި އުފާ ފާގަތިކަން ދިވެހި ކޮންމެ ކޮންމެ މާމައަކާއި ކާފައަކަށް އެދޭ ކަމަށެވެ. އަދި ދުވަހުގެ ތަހުނިޔާ އާއި މަރުހަބާ މެޑަމް ވަނީ ފޮނުއްވާފައެެވެ.
މާމަމެންނާއި ކާފަމެންގެ ދުވަސް ރާއްޖޭގައި ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ، އާއިލީ ގުޅުންތައް ބަދަހިކުރުމަށާއި މުޖުތަމައު ބިނާކުރުމުގައި އުމުރުން ދުވަސްވީ މީހުން ކޮށްދޭ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ މަގުސަދުގައެވެ.