މަގުމަތީ އެކްސިޑެންޓެއްގައި ނިޔާވި ކުއްޖާ އަދި އިމާރާތުން ވެއްޓި ނިޔާވި ކުއްޖާގެ އާއިލާއަށް ރައީސް ޑރ މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިދެ ހާދިސާގެ ސަބަބުން, މުޅި ޤައުމަށްވެސް ނުތަނަވަސް އަދި ހިތާމަވެރި އިޙްސާަސްތަކެއް ކޮށްފިކަމަށެވެ. ރައީސް ވަނީ އެ ދެކުދިންގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ. ރައީސް ވަނީ އެ މަރްހޫމުން ސުވަރުގޭގައި ލެއްވުން އެދި ދުއާ ދަންނަވާފައެވެ.
ރައީސް ވިދާޅުވީ، މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ މިފަދަ ކުއްލި ނުރައްކާތެރި އެކްސިޑެންޓްތަކާމެދު އާއްމުން ހޭލުންތެރިކަންއިތުރުކުރުމަކީ މުޅި މުޖުތަމައު ގުޅިގެން ކުރަން ޖެހިފައިވާ ޤައުމީ އަދި އިންސާނީ މަސައްކަތެއް ކަމަށެވެ.
މީގެއިތުރުން، ވަކިން ހާއްސަކޮށް އުސް އިމާރާތްތަކުގެ ކުޑަދޮރު، ބެލްކަނި، ރެއިލިންގ ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ މުހިއްމުކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު، ނަފްސާނީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ތުއްތު ކުދިން ބެލެހެއްޓުމުގައި، އެފަދަ މީހުންނާއި ކުދިން އުޅޭ ގޭގެގައި އިމާރާތްތައް ބަލަހައްޓާ ފަރާތްތަކާއި ޢާއިލާތައް ގުޅިގެން ޒިންމާދާރު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ސަރުކާރާއި ކުންފުނިތަކާއި މަދަނީ ޖަމުޢިއްޔާތަކާއި އަދި އެންމެހައި ފަރުދުން ގުޅިގެން،ހާއްސަ އިސްކަމެއް ދީގެން، މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތް ޔަގީންކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ ޕުރޮގްުރާމުތައް، ވަރަށް ރަނގަޅަށް އިންތިޒާމުކުރެވިގެން ކުރިއަށްގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ.
މީގެ ދެ ދުވަސް ކުރިން ހިނގި ނުރައްކާތެރި މަގުމަތީ އެކްސިޑެންޓެއްގައި ކުޑަކުއްޖަކަށް ބޮޑެތި ޒަޚަމްތަކެއް ލިބި، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. މިފަދަ ހާދިސާތަކާ ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ފުލުހުން ވަނީ ނިންމާފަ އެވެ.