މާލެ ސަރަޙައްދުގެ މަގުމަތީ ބުޅާ ގިނަވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން، ރާއްޖޭގެ ވަކި ރަށެއް “ކެޓް އައިލެންޑް” އެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، މާލެ ސަރަޙައްދުގައި މަގުމަތީ ބުޅާ ގިނަވުމުގެ ސަބަބުން އާންމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖޭގައި “ކެޓް އައިލެންޑް” އެއް ތަރައްޤީ ކުރުމަށް ބައެއް ކުންފުނިތަކުން ޝައުޤުވެރިކަން ފާޅުކޮށް ވަނީ ޕްރޮޕޯޒަލްތައް ހުށަހަޅާފައެވެ. އަދި އެ ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް މާލީ ގޮތުންނާއި ފަންނީ ގޮތުން ދިރާސާކޮށް އިވެލުއޭޓް ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން ދާކަންވެސް މިނިސްޓަރު ފާހަގަކުރެެއްވިއެވެ.
“ހަރަދުތަކެއް ހިނގާ ކަމެއް މީގެން ކޮންމެ މަސައްކަތަކީ ވެސް. ކެޓް އައިލެންޑެއް ތަރައްގީ ކުރުމަށްޓަކައި ވެސް އަޅުގަނޑުމެންނަށް އެބަ އޮތް ވަރަށް ރަނގަޅު ޕްރޮޕޯޒަލެއް ލިބިފައި. އެ އިވެލުއޭޓް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ،”
މިނިސްޓަރު ވިދާޅުވީ، އުންމީދު ކުރަނީ ބުޅާ، ޕެޓް ކޮމިއުނިޓީއަށް އުފާވެރި ޚަބަރެއްގެ ގޮތުގައި މި މަޝްރޫއު ކާމިޔާބު ކަމާއެކު ނިންމާލުމަށް ކަމަށެެވެ. މީގެއިތުރުން ހުޅުމާލޭގައި ހުންނަ އޮޅުހިޔާ ބުޅާ މަރުކަޒުގެ ޖާގަ އިތުރުކުރުމަކީ ވަރަށް ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ނަމަވެސް، އެ ފެސިލިޓީ ފުޅާކުރުމުން މަގުމަތީ ބުޅަލުގެ މައްސަލައަށް ވަރަށް ބޮޑު ޙައްލެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހަމަމިއާއެކު، މަގުމަތީ ބުޅަލުގެ މައްސަލަ ޙައްލުކުރުމަށް ފެށި އޮޅުހިޔާ މަރުކަޒު ފުޅާކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، އެ ތަނުގައި މިވަގުތު 280 ބުޅަލަށް ފަރުވާއާއި ހިމާޔަތްދެމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.، އެ މަސައްކަތް ނިމުމުން 500 ބުޅަލަށް އެ ތަނުގައި ޖާގަދީ ބެލެހެއްޓޭނެ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އޮޅުހިޔާ މަރުކަޒަކީ ބުޅަލަށް ބޭނުންވާ ފަރުވާއާއި ރައްކާތެރިކަން ފުރިހަމައަށް ފޯރުކޮށްދޭ ތަނަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މި ފެސިލިޓީއަކީ 30 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ބިނާކުރި ތަނެއް ކަމަށާއި، އެ ތަނުގައި 3،000 ބުޅަލަށް ޖާގަދެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން މީގެކުރިން ވަނީ ބުނެފައެވެ.