ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ތެލާއި، ގޭސް، މަޢުދަން އަދި ދިރޭ ތަކެތި ނޫން އެހެނިހެން ޤުދުރަތީ ވަޞީލަތްތައް ހޯދައި ނެގުމާ ބެހޭ ކަންކަން ބެލެހެއްޓުމަށް ޚާއްޞަ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
މިގޮތަށް ނިންމީ ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަޙްމަދު ޝިޔާމް ހުށަހެޅުއްވި ހުށަހެޅުއްޗުމާއި ގުޅިގެން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި ނިންމުމާ އެއްގޮތަށް ރާއްޖޭގެ ސަރަޙައްދުން ދިރުންނެތް ޤުދުރަތީ ވަޞީލަތްތައް ހޯދައި ނެގުމާއި އެކަމާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފެށުމަށް ވަނީ ނިންމާފަ އެވެ.. އަދި މި ސިނާޢަތް ހަރުދަނާކޮށް ރާވައި ހިންގުމާ ގުޅޭ ޚާއްޞަ ބިލެއް ފަރުމާކުރުމުގެ އަމަލީ މަސައްކަތް މިހާރުވަނީ ފަށާފައެވެ.