ހުޅުމާލެ ފޭސް 2 ގެ “އަމާން އުދަރެސް 2” ފްލެޓްގެ 3 ވަނަ ފަންގިފިލާއިން ބޭރަށް ވެއްޓުނު 16 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެ މުއައްސަސާއަށް ލިބިފައިވަނީ މިއަދު ހެނދުނު 11:35 އެހައިކަންހާއިރުއެވެ. ފުލުހުން ބުނީ އިމާރާތުން ވެއްޓުނީ 16 އަހަރުގެ އަންހެން ކުއްޖެއް ކަމަށެެވެ.އެ ކުއްޖާ ފްލެޓުން ވެއްޓެން މެދުވެރިވި އަސްލު ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، ހާދިސާ ހިނގި ސަރަޙައްދު ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މި ހާދިސާގައި އެ ކުއްޖާ ވެއްޓިފައި އޮއްވައި ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދަނީ ދައުރުވަމުންނެވެ. މިކަމާ ގުޅިގެން ފުލުހުން ވަނީ އެ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ނުފެތުރުމަށާއި، ދައުރު ނުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، މި ހާދިސާއާ ގުޅިގެން ޤާނޫނީގޮތުންނާއި އިދާރީގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އަޅާނެކަމަށެވެ. ފުލުހުން ދަނީ މިމައްސަލަ ތަހުގީގުކުރަމުންނެވެ.