މާލޭގައި ޓްރެފިކް ބެލެހެއްޓުމުގެ ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށްފަހު ފިލަން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު 5:30 ކަންހާއިރު، ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ހަތަރުއަނގޮޅި ކައިރީގައެވެ. މަގުމަތީގެ ބާރުބޮޑުވެގެން ޓްރެފިކް ފްލޯ ބަލަހައްޓަން ހުރި ފުލުސް މީހާގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ދުއްވަން އިން ޒުވާނާ (ގދ. ފަރެސްމާތޮޑާ ސާއިން އަބްދުލް ގައްޔޫމް ، 23 އ،) ފިލަން މަސައްކަތް ކުރި ނަމަވެސް، އެ ސަރަހައްދުގައި ތިބި އެހެން ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ވަގުތުން ހިފެހެއްޓީ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓްގައި އަނިޔާވި ފުލުސް މީހާއަށް ފަރުވާދީފައިވާއިރު، ހާދިސާގައި ބޭނުންކުރި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.މި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގަށް އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.