އިކުއެޓޯރިއަލް ޕެސިފިކް ކަނޑުގެ ހޫނުމިން އާދަޔާޚިލާފަށް މަތިވެ “އެލްނީނޯ” ހާލަތު ވަރަށް ބޮޑަށް ބާރުގަދަވަމުންދާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް އޭގެ ނޭދެވޭ އަސަރުތައް ކުރިމަތިވެ ހޫނުގަދަވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށްފިއެވެ.
ކްލައިމެޓް ޕްރެޑިކްޝަން ސެންޓަރު (ސީ.ޕީ.ސީ) ގެ ހިސާބުތަކުން ދައްކާގޮތުގައި ޕެސިފިކް ކަނޑުގެ އިރުމައްޗާއި މެދުތެރޭގެ ހޫނުމިން މިހާރު ވަނީ އާންމު މިންގަނޑަށްވުރެ 1.8 އިން ފެށިގެން 2.0 ޑިގްރީ ސެލްސިއަސްއަށް އުފުލިފައެވެ. ޖައްވާއި ކަނޑުގެ ހޫނުމިން މިހާ ބޮޑަށް މަތިވަމުންދާ މި ބާރުގަދަ އެލްނީނޯ 2026 ވަނަ އަހަރުގެ ނިޔަލަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު ހޫނުވެ ފަރުތަކުގެ ދިރުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ.
އެލްނީނޯގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އާދަޔާޚިލާފަށް ހޫނުވެ، ފަރުތަކުގެ ދިރުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށް މެޓް އިން ބުނެއެވެ.އަދި ވާރޭވެހޭ މިންވަރާއި ކަނޑުގެ އޮއިވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަށް ގޮންޖެހުންތައް ކުރިމަތިވެ، މޫސުމީ ބަދަލުތަކަށް ދުރާލާ ތައްޔާރުވުން މުހިއްމު ކަން މެޓް އިން ފާހަގަކުރިއެވެ.މެޓް އޮފީހުން މި ހާލަތު ވަރަށް ގާތުން ދަނީ ބަލަމުންނެވެ.
މެޓް އިން ލަފާކުރާ ގޮތުގައި އެލްނީނޯގެ ސަބަބުން ރާއްޖެ އަށް ކުރާނެ އަސަރު:
- މުރަކަ ފަރުތައް ހަލާކުވުން: ކަނޑުގެ ސަތަހައިގެ ހޫނުމިން އާދަޔާޚިލާފަށް މަތިވުމުގެ ސަބަބުން، ލޮނުގަނޑު ހޫނުވެ މުރަކަތައް ހުދުވުމުގެ ނުރައްކާ ކުރިމަތިވެ، ފަރުތަކުގެ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ.
- މަސްވެރިކަމަށް އަންނަ ހީނަރުކަން: ޕެސިފިކް ކަނޑުގެ ހޫނުމިނަށް އަންނަ ބަދަލުތަކާއެކު، ވައިގެ މިސްރާބާއި ކަނޑުގެ އޮއިވަރު ބަދަލުވެއެވެ. މީގެ ސަބަބުން ކަޅުބިލަމަހާއި ކަންނެލި އުޅޭ ސަރަހައްދުތަކާއި ކަނޑުގެ ފުން ފަށަލަތަކުގެ ފިނިފެނަށް ލޮޅުން އަރައެވެ. ތާރީޚީ ހިސާބުތަކަށް ބަލާއިރު، އެލްނީނޯ އަހަރުތަކުގައި މަސްމަހާމެހީގެ ކާނާ މަދުވެ، ރާއްޖޭގެ ކަޅުބިލަމަހުގެ މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެއެވެ.
- ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރު: މުރަކަތައް ހުދުވެ ކަނޑުގެ ދިރުންތަކަށް ލިބޭ ގެއްލުންތަކުގެ ސަބަބުން، ރާއްޖޭގެ ތިމާވެށީގެ ރީތިކަން ގެއްލި ފަތުރުވެރިންގެ މެދުގައި އޮންނަ މަގުބޫލުކަން ކުޑަވެއެވެ. މިއީ ކަނޑުގެ ދިރުންތަކަށް ބަރޯސާވާ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީއަށް އެޅޭ ބޮޑު ހުރަހެކެވެ.
- ހަކަތައިގެ ދާއިރާއަށް ބާރުބޮޑުވުން: އެލްނީނޯ ދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން، ތަންތަން ފިނިކުރުމަށްޓަކައި ބޭނުންކުރާ ހަކަތައިގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެއެވެ. މީގެ ސަބަބުން ކަރަންޓު އުފައްދާ ނިޒާމުތަކަށް ނުކަތާވަރަށް ބާރުބޮޑުވެގެންދެއެވެ.
- ދަނޑުވެރިކަމުގެ ގޮންޖެހުންތައް: ވާރޭވެހޭ މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމުގެ މޫސުމީ ބުރުތަކަށް ބުރޫއަރައެވެ. އަދި ގަސްގަހާގެއްސަށް ބޭނުންވާ ފެން ލިބޭ މިންވަރު މަދުވެ، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން ދަށްވެއެވެ.
އެލްނީނޯ އަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ސަތަހައިގެ ހޫނުމިން އާދަޔާޚިލާފަށް މަތިވާ ދުވަސްވަރެކެވެ. ރާއްޖެއަކީ ކަނޑުގެ މާހައުލަށާއި ތިމާވެއްޓަށް އަންނަ މިފަދަ ބަދަލުތަކަށް ނާޒުކު ގައުމަކަށްވާއިރު، އެލްނީނޯގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ހޫނުވުމަކީ މުރަކަތައް ހުދުވެ، ފަރުތަކުގެ ދިރުންތަކަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިވާ ކަމެކެވެ.