ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ ޙައްޤުތަކަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެ އަބަދުވެސް ދެގޮތެއްނުވެ، ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވައިފިއެވެ.
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާގެ ޚާއްޞަ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްފަހު، ސައުދީ އަރަބިއްޔާގެ ޖިއްދާއިން އެކަމަނާ މިހާރު ފުރާވަޑައިގެންފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ޕޯސްޓުގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތާމަތަކާއި ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމާ ގުޅޭގޮތުން، އިސްލާމީ ދުނިޔޭގެ މެންބަރު ޤައުމުތަކާއެކު މުހިންމު މަޝްވަރާތަކެއް ކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ބޮޑު އުފަލެއް ކަމަށް ވިދާޅުވިއެވެ.
ހަމަމިއާއެކު، ވަޒީރު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ، އަތުނުލެވޭނެ އަސާސީ ޙައްޤުތަކުގެ ދިފާޢުގައި ދިވެހިރާއްޖެ އަބަދުވެސް ދެގޮތެއްނުވެ، ސާބިތުކަމާއެކު ވަކާލާތު ކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އާ 1976 ވަނަ އަހަރު ގުޅުނު ފަހުން، ފަލަސްތީނުގެ މިނިވަންކަމާއި ރައްޔިތުންގެ ޙައްޤުތަކަށް ބައިނަލްއަޤްވާމީ މަސްރަޙުގައި އެންމެ ވަރުގަދައަށް ވަކާލާތުކުރާ އެއް ޤައުމެވެ. މިގޮތުން، 1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ބާރުއަޅައެވެ. ސައުދީ އަރަބިއްޔާގެ އިސްނެގުމަކަށް ޖިއްދާގައި ކުއްލި ގޮތަކަށް ބޭއްވި މި ބައްދަލުވުމަކީ، ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ މަގު ޗާޓަށް އިސްރާއީލުން ފާޅުގައި ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގައި، އިސްލާމީ އުންމަތުގެ ގުޅުން ބަދަހިކޮށް އިސްރާއީލް ޖަވާބުދާރީ ކުރުވުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.