މާލޭގެ މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގެ ތެރޭގައި ހާލުދެރަވެފައި އޮއްވާ ފެނުނު ދެ އަންހެނުންގެ ތެރެއިން 51 އަހަރުގެ އަންހެންމީހާ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.
ފުލުހުން ހާމަކުރިގޮތުގައި، މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ދެ މީހަކު ހާލުދެރަވެފައި އޮތްކަމުގެ މައުލޫމާތު 2026 އޮގަސްޓް 27 ވަނަ ދުވަހުގެ ހެނދުނު 10:34 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.މި ހާދިސާގައި ނިޔާވެފައި ވަނީ ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީޤު (51އ) އެވެ.
ފުލުހުން ބުނީ މި ހާދިސާގައި ދެން ހާލު ދެރަވި 19 އަހަރުގެ އަންހެން މީހާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މާލޭގެ ތޮއްޖެހިފައިވާ ބައެއް ބަންދު ކޮޓަރިތަކާއި ގޭގޭގެ ތެރޭގައި އެކި ސަބަބުތަކާހުރެ މީހުން ހާލުދެރަވެ، ނުވަތަ ނިޔާވެފައި އޮއްވާ ގިނަދުވަސް ފަހުން ފެނުމުގެ ނުރައްކާތެރި ހާދިސާތައް މި ފަހަކަށް އައިސް މާލޭގައި ވަނީ ހިނގާފައެވެ. މިފަދަ ހާދިސާތަކާ ގުޅިގެން ކޮޓަރިތަކުގެ ވެންޓިލޭޝަން ނުވަތަ ވައިދައުރުވާނެ ގޮތް ހުރުމުގެ މުހިންމުކަމާއި، ގޭސް ލީކުވުން ފަދަ ކަންކަމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.