ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށާއި، އެ ފިޔަވަޅުތައް އާންމު ރައްޔިތުން ބަލައިގަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ގެނެސްދިން “ނޭޝަން ޗެޓް” ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ، ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި ޑޮލަރާ ގުޅޭ ސިޔާސަތުތައް ބައްޓަންކުރުމާއި، ގާނޫނުތައް ހަރުދަނާ އުސޫލެއްގެ ދަށުން ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.މި މަސައްކަތްތަކުގެ މަގްސަދަކީ އިގްތިސާދީ ކުރިއެރުން ހޯދުންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމަމިއާއެކު، ތިލަމާލެ ބްރިޖުގެ ފެންވަރާ މެދު ކުރެވޭ ތުހުމަތުތަކަށް ރައްދު ދެއްވަމުން، އެ މަޝްރޫއުގެ ކޮލިޓީ ބަލަހައްޓަނީ ސިނަމާލެ ބްރިޖުގެ މަސައްކަތް ވެސް ސުޕަވައިޒްކުރި ދުނިޔޭގެ މަޝްހޫރު ‘އާރޮޕް’ ކުންފުނިން ކަމަށެެވެ.އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މާލެއާއި ވިލިމާލެ މިހާރު ބްރިޖުން ގުޅާލެވިފައިވާއިރު، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަފުއްޓާ ހަމައަށް މުޅި މަޝްރޫއު އެއްކޮށް ނިންމައި އާންމުންނަށް ބްރިޖު ހުޅުވާލެވޭނެއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އިންޖިނިއަރިން އަދި ސައިންސްގެ ދާއިރާއިން ދިވެހިން ތަމްރީނުކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަންވެސް ފާހަގަކުރައްވާފައެވެ.އަދި ވިޔަފާރިއާއި ޤާނޫނީ ދާއިރާއަށް ދާ ދަރިވަރުން ގިނަ ނަމަވެސް، ޤައުމީ ތަރައްޤީއަށް ސިވިލް، އިލެކްޓްރޯނިކް އަދި މެކޭނިކަލް އިންޖިނޭރުން ބޭނުންވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ހުރަސް އެޅޭ އެއްވެސް ކަމެއް ރާއްޖެއިން ނުކުރާނެ ކަމަށާއި،މިދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް ގިނަ ކަންތައްތަކެއް ހާސިލުކޮށް ތަންފީޒުކުރަން ފަށާފައިވާ ކަމަށާއި، އިގްތިސާދު އިތުރަށް ކުރިއެރުވުމަށް އާ ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާކުރަމުންދާ ކަމަށެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިގެނައި ބަދަލުތަކަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުކޮށް، ބޭރު ފައިސާގެ މާރުކޭޓު ހަރުދަނާ ނިޒާމެއްގެ ތެރެއިން ބޭންކިންގ ސިނާއަތަށް ވެއްދުމަށް ސަރުކާރުން އަޅާފައިވާ އިސްލާހީ ފިޔަވަޅުތަކެކެވެ. މީގެ ކުރިން ބޭރު ފައިސާއާ ބެހޭ ގާނޫނުތައް ފުރިހަމައަށް ތަންފީޒު ނުކުރެވުމުގެ ސަބަބުން ކަޅު ބާޒާރު ބޮޑުވެ، ދައުލަތުގެ މާލީ ހާލަތަށް ކުރިމަތިވި ގޮންޖެހުންތައް މިފިޔަވަޅުތަކުން ހައްލުކުރެވޭނެއެވެ.