“ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ވެރިފައިކުރުމުގެ މަރުހަލާގައި ފޮނުވާފައިވާ ނޯޓިސްތަކަށް ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތު ސަރުކާރުން އިތުރުކޮށްފިއެވެ.
ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅާފައިވާ ގިނަ ފަރާތްތަކަކަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމުގައްޔާއި ޖަވާބުދާރީވުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ، އެ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން ހައުސިން މިނިސްޓްރީއިން ވަނީ މި މުއްދަތު އިތުރުކޮށްދީފައެވެ.
ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގައި ހުރި މައްސަލަތައް އިސްލާހުކޮށް ޖަވާބުދާރީވުމަށް ކުރިން ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް އާންމުންނަށް ލިޔެކިޔުންތައް ހޯދުމުގައި ދަތިތަކާ ކުރިމަތިވަމުންދާތީ، އެ މުއްދަތު މިހާރު ވަނީ ހޮނިހިރު، އާދީއްތަ އަދި ސަރުކާރު ބަންދު ދުވަސްތައް ހިމެނޭ ގޮތަށް 21 ދުވަހަށް އިތުރުކޮށްދީފައެވެ. ސަރުކާރުގެ މި ނިންމުމާއެކު، މިހާތަނަށް ނޯޓިސް ފޮނުވާފައިވާ ފަރާތްތަކުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ފޮނުވާނެ ނޯޓިސްތަކަށް ޖަވާބުދާރީވުމަށް ވެސް 21 ދުވަސް ލިބޭނެއެވެ.
މި އިސްލާހީ ފިޔަވަޅުގެ ސަބަބުން އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ލިޔެކިޔުންތައް ފުރިހަމަކުރުމަށް އިތުރު ވަގުތު ލިބުމުގެ އިތުރުން،މި ނިންމުމަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ދެފުށް ފެންނަ އިންސާފުވެރި ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
“ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފުރިހަމަ އަދި ރައްކާތެރި ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ މުހިންމު މަޝްރޫއެކެވެ. މި ސިޔާސަތުގެ ދަށުން، ތަފާތުކުރުމެއްނެތި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ އާއިލާތަކަށް ފްލެޓާއި ގޯތި ފޯރުކޮށްދިނުމަށް ދެފުށްފެންނަ، އިންސާފުވެރި ވެރިފިކޭޝަން ނިޒާމެއްގެ ތެރެއިން އެޕްލިކޭޝަންތައް ދިރާސާކުރެވެއެވެ. ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދެމުން ކުރިއަށްދާ މި ސިޔާސަތަކީ ގައުމުގެ އިޖުތިމާއީ ފެންވަރު މަތިކޮށް، އާންމު ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގެ މައިގަނޑު އަސާސެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1