“ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު” މަޖިލީހަށް ހުށަހެޅުމަކީ ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގައި ކުރެވޭ މަސައްކަތުގައި ތާރީޚީ ފިޔަވަޅެއް ކަމަށް ބުނެ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަރުޙަބާ ކިޔައިފިއެވެ.
މިކަމާއި ގުޅިގެން އޭސީސީއިން ނެރުނު ބަޔާނެއްގައި ބުނީ،މި ބިލުގެ ސަބަބުން ކޮރަޕްޝަންގެ ކުށްތައް ހުއްޓުވުމަށާއި، ބޮޑެތި ކުށްތަކުން ހޯދާ ނުހައްގު މަންފާ އަނބުރާ ދައުލަތަށް ނަގައި، ގާނޫނާ ޚިލާފަށް ހޯދާ މުއްސަނދިކަން ކުށްވެރިންނަށް ލިބުން ހުއްޓުވުމަށް ބޭނުންވާ ވަރުގަދަ ގާނޫނީ އޮނިގަނޑެއް ގާއިމުވެގެންދާނެ ކަމަށެވެ.
މި މުހިންމު ފިޔަވަޅަކީ، މުސްތަގުބަލުގެ ޖީލުތަކަށްޓަކައި ދައުލަތުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް މުއައްސަސާތަކުން ގުޅިގެން ކުރާ މަސައްކަތްތަކަށް ލިބުނު އިތުރު ބާރެއް ކަމަށް އޭސީސީ އިން ބުނެއެވެ.މީގެއިތުރުން، ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން ނަގަހައްޓައި، އެންމެ މަތީ ދަރަޖައިގެ އިންސާފު ޤާއިމުކުރުމަށްޓަކައި، މި ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ދައުލަތުގެ މުއައްސަސާތަކާއި ބައިނަލްއަޤްވާމީ ބައިވެރިންނާ އެކު ގުޅިގެން ގާތުން މަސައްކަތް ކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ކޮމިޝަނުން ވަނީ ދީފައެވެ.
އަދި އެ ކޮމިޝަނުގެ އުންމީދަކީ، މި ބިލު، ވީ އެންމެ އަވަހަށް އަދި ފަންނީގޮތުން އެންމެ ފުރިހަމައަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވަވައި، ޢަމަލީ ސިފައެއްގައި ތަންފީޒުކުރަން ފެށިގެންދިއުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެެވެ.
މި ބިލަކީ ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް މަދުކޮށް، ގާނޫނާ ޚިލާފަށް ހޯދާ މުއްސަނދިކަން ހުއްޓުވުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި މުހިއްމު ގާނޫނީ އޮނިގަނޑެކެވެ. މި ބިލުގެ ސަބަބުން ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގައި ހުރި ގާނޫނީ ހުރަސްތައް ނައްތާލައި، ކޮރަޕްޝަނާއި ޖިނާއީ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރާ މުއައްސަސާތަކަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެއެވެ.