ކަނޑައެޅިފައިވާ ސަރަހައްދުތައް ނޫން ގޮތްގޮތަށް ގަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ ހިނގާ މީހުން 100 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އެކްސިޑެންޓްތައް މަދުކުރުމުގެ ބޭނުމުގައި ހުށަހެޅި މި ބިލު ފާސްވުމާއެކު، ޒީބްރާ ކްރޮސިން ނުވަތަ މަގު ހުރަސްކުރަން ހާއްސަ ކުރެވިފައިވާ ނޫން ދިމާލަކުން މަގު ހުރަސްކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅުމުގެ ބާރު ކަމާބެހޭ އިދާރާތަކަށް ލިބިގެންދާނެއެވެ.
ސަރުކާރު ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބް ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން 47 މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފައެވެ.
-
- ދުވާރު ބޭނުންކުރުން: މީހުން ހިނގުމަށް ހާއްސަ ދުވާރުތައް ބޭނުންކުރާނެ ރަނގަޅު އުސޫލުތައް ކަނޑައެޅުން.
- ދުއްވާ ސަރަހައްދު ބޭނުންކުރުން: ދުވާރުގެ ބަދަލުގައި، އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ހާއްސަ ސަރަހައްދުތައް ހިނގާ މީހުންނަށް ބޭނުންކުރެވޭނެ ހާއްސަ ހާލަތްތައް ބަޔާންކުރުން.
- މަގު ހުރަސްކުރުމާއި ސަލާމަތްތެރިކަން: މަގު ހުރަސްކުރުމުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހިނގާބިނގާވެ އުޅޭ ފަރާތްތަކުން މަޖުބޫރުން އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުން.
މި ބިލުގެ 131 ވަނަ މާއްދާގައިވާ ގޮތުން، ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް މަގު ހުރަސްކުރާ ހިނގާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. މީގެ އިތުރުން، މި ބިލު ގާނޫނަކަށްވާ ހިސާބުން ފެށިގެން އަސްކަރީ ބޭނުންތަކުގައި ދުއްވާ އަސްކަރީ އުޅަނދުފަހަރުގެ މައްޗަކަށް މި ގާނޫނުގެ އުސޫލުތަކެއް ނުހިނގާނެއެވެ. ނަމަވެސް، އެފަދަ އުޅަނދުތައް ވެސް ދުއްވަންވާނީ އާންމުންނާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުވާނެ ގޮތެއްގެ މަތިން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލު ގާނޫނަކަށްވެ، އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރައްވައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރައްވާ ދުވަހުން ފެށިގެން 30 ދުވަސް ހަމަވުމުންނެވެ.