ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ ރާއްޖޭގެ ބޭންކިންގ ނިޒާމު މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރުން ލާޒިމުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ފާސްވުމާއެކު، ފަތުރުވެރިކަމުގެ ސިނާއަތުން ގައުމަށް ވަންނަ ޑޮލަރު މާލީ ނިޒާމުގެ ތެރޭގައި ހިފެހެއްޓުމަށާއި، ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުކުރުމަށް ގާނޫނީ ގޮތުން ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.
ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބޭރު ފައިސާގެ ބިލު އިގްތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމައި ތަޅުމަށް ފޮނުވާފައި ވަނިކޮށް، ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު އެއްފަހަރު މާރުކުރަންޖެހޭ ގޮތަށް އިތުރު އިސްލާހެއް ގެނައުމަށްޓަކައި އަލުން ކޮމިޓީއަށް ފޮނުވިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު އިއުލާނު ކުރެއްވި އިސްލާހުތަކާއެކު، ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 47 މެންބަރުންގެ ވޯޓުންނެވެ. މި ބިލާ ދެކޮޅަށް 12 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ގަވަރުނަރު ވިދާޅުވި އިސްލާހުތައް ކޮމިޓީ ރިޕޯޓަށް އިތުރުކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. މީގެއިތުރުން، މި ބިލަށް އިދިކޮޅު މެންބަރުން ހުށަހެޅުއްވި އެއްވެސް އިސްލާހެއް މަޖިލީހުން ފާސްވެފައެއް ނުވެއެވެ.
އަލަށް ގެނައި އިސްލާހުތަކުގެ ތަފްސީލު:
-
- ގެސްޓްހައުސް އަދި ހޮޓާތައް: ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހެއްގެ ތެރޭގައި ބޭރު ފައިސާއިން ލިބޭ އާމްދަނީގެ %20 ބޭންކަށް މާރުކުރަންޖެހެއެވެ.
- 100% ދިވެހި ހިއްސާވާ ތަންތަން: ގެސްޓްހައުސް ނުވަތަ ހޮޓަލަކީ ސައްތައިން ސައްތަ ދިވެހިންގެ ހިއްސާ އޮންނަ ތަނެއް ނަމަ، މާރުކުރަން ޖެހޭނީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ %7 އެވެ.
- އެހެން ބޮޑެތި ވިޔަފާރިތައް: ފަތުރުވެރިކަމުގެ ދާއިރާގެ ތަންތަނާއި މާލީ އިދާރާތައް ފިޔަވައި، އަހަރަކު 15 މިލިއަން ޑޮލަރަށްވުރެ ގިނައިން ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކުން ވެސް އެ އާމްދަނީގެ %40 ބޭންކަށް މާރުކުރަން މަޖުބޫރުވާނެއެވެ.
- މާރުކުރަންޖެހޭ މުއްދަތު: ރިސޯޓުތަކުން ކޮންމެ މަހަކު ލިބޭ ޑޮލަރު އާމްދަނީގެ %40، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކޮށް ނިންމަންޖެހެއެވެ.
އެމްއެމްއޭގެ ގަވަރުނަރު،ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނާނެކަން ވަނީ އިއުލާނު ކުރައްވާފައެވެ. މީގެ އިތުރުން، ކުރިން ކޮންމެ ތިން މަހަކުން އެއްފަހަރު ޑޮލަރު މާރުކުރަން އޮތް އޮތުން، ކޮންމެ މަހަކު އެއްފަހަރު މާރުކުރަންޖެހޭ ގޮތަށް ބަދަލުކުރުމަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1