އެމެރިކާގެ ‘ސްޓޭޓް ސްޕޮންސާސް އޮފް ޓެރަރިޒަމް’ ލިސްޓުން ސީރިއާ އުނިކުރުމަށް ނިންމި ނިންމުމަށް ދިވެހިރާއްޖޭގެ ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.
އެމެރިކާގެ ނިންމުމާއެކު ސީރިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހިރާއްޖޭން ހޫނު މަރުހަބާއެއް ކިޔައި، އެ ގައުމަށް ދެމެހެއްޓެނިވި ސުލްހައާއި، ހަމަޖެހުމާއި، އަދި ފާގަތިކަމަށް އެދި ހެޔޮއެދުންތައް ވަނީ ފޮނުވައިފައެވެ. ނިންމުމުގެ ސަބަބުން ސީރިއާ އަލުން އާރާސްތުކުރުމަށާއި އާންމު ހާލަތަށް ރުޖޫއަވުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ބާރަކަށް ވާނެ ކަމަށް ރާއްޖެއިން ވަނީ ބުނެފައެެވެ.
ސީރިއާގެ މިނިވަންކަމާއި، ސިޔާދަތާއި، އަދި ސަރަހައްދީ ފުރިހަމަކަމަށް ދިވެހިރާއްޖޭން ފުރިހަމައަށް ތާއީދުކުރާކަން ރާއްޖެއިން ވަނީ ހާމަކޮށްފައެވެ. އަދި އެ ގައުމުގެ ރައްޔިތުންގެ ހައްގުތައް ހާސިލުވާނީ، ސީރިއާގެ ރައްޔިތުން އިސްވެ ތިބެ ހިންގާ ހުރިހާ ފަރާތްތަކެއް ބައިވެރިވާ ސުލްހަވެރި ސިޔާސީ މަރުހަލާއަކުން ކަމަށް ރާއްޖޭން ގަބޫލުކުރެއެވެ.
އެމެރިކާއިން ސީރިއާ ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުގައި 1979 ގައި ހިމެނިފަހުން، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަސަދުގެ ވެރިކަން ވެއްޓި އާ ސަރުކާރަކުން ވެރިކަމާ ހަވާލުވުމާ ގުޅިގެން 47 އަހަރަށްފަހު އެ ލިސްޓުން ސީރިއާ އުނިކޮށްފިއެވެ. އާ ސަރުކާރުން ޓެރަރިޒަމާ ދުރުހެލިވުމަށް އަޅަމުންދާ ފިޔަވަޅުތަކަށް ބެލުމަށްފަހު އެމެރިކާގެ ހާރިޖީ ވުޒާރާއިން މި ނިންމުން ނިންމާފައިވާކަން ބީބީސީ އާއި އަލްޖަޒީރާގެ ރިޕޯޓްތަކުން ހާމަވެއެވެ.