ރާއްޖެއިން ބޭރުން އަންނަ ދިވެހި ދަތުރުވެރިންނަށްވެސް، އަމިއްލަ ބޭނުމަށް ޑިއުޓީއާ ނުލައި ވަކި މިންވަރަކަށް ދުންފަތުގެ ބާވަތްތައް އެތެރެކުރެވޭ ގޮތަށް އުސޫލު އިސްލާހުކޮށްފިއެވެ.
ގެޒެޓުގައި އިއުލާންކުރި އިސްލާހުގެ ދަށުން، ދަތުރުވެރިންނާއި އަމިއްލަ ފަރާތްތަކުން އެތެރެކުރާ ކުދިކުދި ބޭނުންތަކުގެ ތަކެއްޗާއި ވިޔަފާރި ސާމްޕަލްތަކުން ޑިއުޓީ މާފުކުރުމުގެ އުސޫލަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. މި އިސްލާހަކީ ދަތުރުވެރިން ގެންނަ މުދަލާއި، އަމިއްލަ ކުދިކުދި ބޭނުންތަކަށް އެތެރެކުރާ ތަކެތީގެ އިތުރުން ވިޔަފާރި ސާމްޕަލްތަކުން ޑިއުޓީ ކަނޑާލުމުގެ އުސޫލަށް ގެނައި ބަދަލެކެވެ.
އެ އުސޫލަށް ގެނައި ބަދަލަކީ، ރާއްޖެއިން ބޭރުން އަންނަ މީހުން ހިފައިގެން އަންނަ ތަކެތީގެ ތެރެއިން ގުޑްސް ޑެކްލަރޭޝަން ފޯމު ހުށަހަޅަން ނުޖެހޭ ތަކެއްޗާ ބެހޭ މާއްދާއަށް ގެނައި އިސްލާހެކެވެ. ކުރިން އެ މާއްދާގައި ކަނޑައަޅާފައި އޮންނަ ގޮތުން، ރާއްޖެއަށް އަންނަ އުމުރުން 18 އަހަރު ފުރިފައިވާ ބޭރުގެ ފަތުރުވެރިން އަމިއްލަ ބޭނުމަށް ގެންނަ ސިނގިރޭޓާއި ސުއްޓާ ފަދަ ތަކެތީގެ ތެރެއިން، 200 ސިނގިރޭޓް ނުވަތަ 25 ސުއްޓާ ނުވަތަ 250 ގްރާމްގެ ދުންފަތް ޑެކްލެއާ ކުރާކަށް ނުޖެހެއެވެ. އަދި އެ މިންވަރަށް ގެންނަ ތަކެތިން އިމްޕޯޓް ޑިއުޓީ ވެސް މާފުކޮށްދެއެވެ.
އަލަށް ގެނައި އިސްލާހުގައިވާ ގޮތުން، ރާއްޖެއިން ބޭރުން އަންނަ ދަތުރުވެރިންގެ އުމުރުން 21 އަހަރު ފުރިފައިވާނަމަ، އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތައް ގުޑްސް ޑެކްލަރޭޝަން ފޯމު ހުށަނާޅާ އެތެރެކުރެވޭނެ އާ މިންވަރުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މިހާރު ހުއްދަ ދެނީ 200 ސިނގިރޭޓް، 20 ސުއްޓާ، ނުވަތަ 100 ގްރާމްގެ ދުންފަތަށެވެ. މި ބަދަލާއެކު، ކުރިން ހަމައެކަނި ފަތުރުވެރިންނަށް ޚާއްޞަކޮށްގެން ދެމުންދިޔަ އިސްތިސްނާ އުވާލައި، މި ލުޔަކީ ހުރިހާ ދަތުރުވެރިންނަށްވެސް އާންމުކޮށް ލިބޭނެ ލުޔެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.
- ސިނގިރޭޓު/ބިޑި އަނބުރާ ކުދި މެނުއަލް ޕޯޓަބަލް މެޝިން (ފަހަރަކު އެކެއް ތައްޔާރުކުރެވޭ)
- ނޯޅާ ހުންނަ 50 ކަރުދާސް (ސިނގިރޭޓު ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ)
- 50 ފިލްޓަރު (ސިނގިރޭޓު ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ)
- 50 ހުސް ޓިޔުބު ނުވަތަ ޕައިޕް (ސިނގިރޭޓު ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ)