މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ގުޅިގެން ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ޚާއްޞަ އިންޓާންޝިޕް ޕްރޮގްރާމެއް ފެށުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެމް.އޭ.ސީ.އެލްގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު އަދި ވިލާ ހައި ސްކޫލްގެ ފަރާތުން ޕްރިންސިޕަލް ސަޢީދު އަޙްމަދު ސޮއިކުރެއްވިއެވެ.އެމް.އޭ.ސީ.އެލްގެ ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ޓީމުގެ އިސްވެރިންނާއެކު، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފް އަދި ސީނިއަރ ޖެނެރަލް މެނޭޖަރ ޢަލީ ޙުޒައިމްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން، ދަރިވަރުންގެ ކިބައިގައި މުޢާމަލާތުކުރުމާއި، ގުޅިގެން މަސައްކަތްކުރުމާއި، ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން އަށަގަންނުވައި، ކުރިމަގުގެ ވަޒީފާގެ ބާޒާރަށް އެކުދިން ތައްޔާރުކުރުމަކީ މި ޕްރޮގްރާމުގެ މަޤްޞަދެއް ކަމަށް އެމް.އޭ.ސީ.އެލް އިން ބުނެއެވެ. ހަމަމިއާއެކު، މި އެއްބަސްވުމާއެކު ދެ މުއައްސަސާގެ ދެމެދުގައިވާ ގުޅުން ބަދަހިވެ، މެންޓަރޝިޕާއި ކެރިއަރާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަގު ފުޅާވެގެންދާނެކަމަށްވެސް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.