ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ކުރާ ފަރާތްތަކާ މެދު، ޖިނާއީ ފިޔަވަޅު އަޅަންޖެހިއްޖެ ހާލަތެއްގައި އެއްވެސް ފަސްޖެހުމެއް ނެތި އެ ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އަލީ އިހުސާން ދެއްވައިފިއެވެ.
މިނިސްޓަރު އިޙްސާން މިހެން ވިދާޅުވީ، ބޭންކިންގ ނިޒާމުން ބޭރުގައި ހިންގާ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށާއި، ބޭރު ފައިސާގެ ގާނޫނަށް ގެންނަ އާ އިސްލާހުތައް ތަންފީޒުކުރުމަށް ފުލުހުންނާއި ކަމާބެހޭ މުއައްސަސާތައް ގުޅިގެން ފަށާފައިވާ ހަރުކަށި މަސައްކަތްތަކުގެ ތަފްސީލު ހާމަކުރައްވަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިޙްސާން ވިދާޅުވީ، ރަސްމީ ހުއްދާއާއެކު ޑޮލަރު މާރުކުރަނީ 63 ތަނަކުން ކަމަށް ވިޔަސް، ހުއްދަނެތި ބްލެކް މާކެޓުގައި ބޮޑެތި މުއާމަލާތްތަކެއް ހިންގާ ކަމަށެވެ. އެގޮތުން އިދާރާތަކުން ބެލި އެންމެ ހަތް ފަރާތަކުން ވެސް، ވޭތުވެދިޔަ 9 މަސްދުވަހުގެ ތެރޭގައި 77 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރި ކަޅުބާޒާރުގައި ކޮށްފައިވާކަން އޭނާ ހާމަކުރެއްވިއެވެ.
ގާނޫނީ އިމުން ބޭރުން ބޭރު ފައިސާގެ މުއާމަލާތްތައް ހިންގުމަކީ ޖިނާއީ ކުށެއްގެ ތެރެއިން އުފައްދާ ފައިސާ ކަމަށާއި، އެ ފައިސާ އަމިއްލަ ކަންކަމަށާއި ވިޔަފާރިއަށް ބޭނުންކުރުމަކީ މަނީ ލޯންޑަރިންގެ ކުށެއް ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.
އެހެންކަމުން އެފަދަ ފަރާތްތަކުން އެ ވަދެވެނީ އެނގިގެން ނުވަތަ ނޭނގި ނަމަވެސް މަނީ ލޯންޑަރިންގެ ކުށުގެ ތެރެއަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިޙްސާން ހާމަކުރެއްވި ގޮތުގައި، ހުއްދައާ ނުލާ ޑޮލަރު މާރުކުރާ މީހުންގެ ތެރޭގައި ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ބޮޑެތި ރިސޯޓުތައް ހިމެނުނު ނަމަވެސް، އެ ތަންތަނުގެ ނަމެއް އޭނާ ހާމައެއް ނުކުރައްވައެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާގެ މީހުންނާއި ސިޔާސީ ބައެއް ބޭފުޅުން ވެސް މި ވަގު ވިޔަފާރީގައި ޝާމިލުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރު ބޮޑުވެ، ބޭންކިންގ ނިޒާމަށް ބޭރު ފައިސާ ވަންނަ މިންވަރު މަދުވުމުގެ މައްސަލައަކީ ގައުމުގެ އިގްތިސާދަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި، ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ބަދަލާ އެކު، ގާނޫނީ އިމުން ބޭރުން ހިންގާ ބޭރު ފައިސާގެ ވަގު ވިޔަފާރިތައް ހުއްޓުވުމަށް ފުލުހުންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ.