ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާގެ ގާނޫނަށް ބޮޑު އިސްލާހެއް ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.
ގަވަރުނަރު އަހުމަދު މުނައްވަރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވި ގޮތުގައި، ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން އޮންނަ އުސޫލު އުވާލައި، ބޭރު ފައިސާގެ ގާނޫނަށް އިސްލާހެއް މަޖިލީހަށް ފޮނުވުމަށް ވަނީ ނިންމާފައެވެ. އެ ބަދަލާއެކު، ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ދިވެހި ބޭންކުތަކަށް މާރުކުރަން ޖެހޭނެއެވެ.
މިހާރު ހިނގަމުންދާ ބޭރު ފައިސާގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ބޭރު ފައިސާއިން އާމްދަނީ ހޯދާ ފަރާތްތަކުން ބޭންކަށް ޑޮލަރު މާރުކުރަންޖެހެނީ ދެ އުސޫލެއްގެ ދަށުންނެވެ. އެއީ ކޮންމެ ޒިޔާރަތްކުރާ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރުން ނުވަތަ އެ ފަރާތްތަކަށް ލިބޭ ޖުމްލަ އާމްދަނީގެ 20 އިންސައްތަ ބޭންކަށް ދިނުމެވެ.
ގަވަރުނަރު މުނައްވަރު ފާހަގަކުރެއްވި ގޮތުގައި، ބޭންކަށް މާރުކުރަން ލާޒިމުކުރާ ބައިގެ އިތުރުން، ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ބާކީ ބައި ބޭނުންކުރާ ގޮތް ވަރަށް ގާތުން ބެލޭނެ ނިޒާމެއް މި ގާނޫނަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމެނޭނެއެވެ.
ގަވަރުނަރު މުނައްވަރު ވިދާޅުވީ، މުދާ އެތެރެކުރުމަށް ދިވެހި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ނުލިބޭ މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުން ކަމަށެވެ.
ގަވަރުނަރު މުނައްވަރު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ހިންގާ ހުރިހާ ވިޔަފާރިތަކުން ވިއްކާ މުދަލާއި ދޭ ހިދުމަތްތަކުގެ އަގުތައް ދިވެހި ރުފިޔާއިން އެކަނި ނެގުމަކީ އަބަދުވެސް އެމްއެމްއޭގެ ބޮޑު އަމާޒެކެވެ.
ރާއްޖޭގެ ބޭންކިންގ ނިޒާމަށް ވަންނަ ބޭރު ފައިސާ މަދުވުމުގެ ސަބަބުން، ކާޑުތަކުގެ ޑޮލަރު ލިމިޓް ހިފެހެއްޓުމާއި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުމަކީ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މައްސަލަތަކެކެވެ.
މީގެ ކުރިން 2024 ވަނަ އަހަރުގެ ފަހުކޮޅު އެމްއެމްއޭއިން ވަނީ ބޭރު ފައިސާގެ އާ ގަވާއިދެއް އެކުލަވާލައި، ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ މަގުން ބޭންކަށް މާރުކުރުން ލާޒިމުކޮށްފައެވެ.
ނަމަވެސް، އެ ނިޒާމުން އެދެވޭ ނަތީޖާއެއް ނުފެނުމާއި، ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ބޭންކުތައް މެދުވެރިކޮށް ލިބުން ދަތިވުމުގެ ސަބަބުން، ސަރުކާރުން މިހާރު މިވަނީ މުޅި އާމްދަނީގެ ވަކި އިންސައްތައެއް ސީދާ ބޭންކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު ބަދަލުކުރަން ނިންމާފައެވެ.