ކުދި ޖަޒީރާ ޤައުމުތަކަކީ ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް އީޖާދީ ޚިޔާލުތަކާއި އުފެއްދުންތެރިކަމަށް ބަދަލުކުރާ، ހިންމަތްތެރި ބަޔަކު އުޅޭ ޤައުމުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރައްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މި ހިނގާ އޮގަސްޓު މަހުގެ 23 އިން 25 އަށް ރާއްޖޭގައި ކުރިއަށްގެންދާ، ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް (ޖީ.ބީ.އެން) ފޯރަމްގެ އިފުތިތާޙީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވެށީގެ ނާޒުކުކަމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ޙަޤީޤަތުގެ އެއްބައި ކަމަށާއި، އަނެއްބަޔަކީ އެ ޤައުމުތަކުގެ ހިންމަތާއި މިންނެތް މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ސިފަކުރެއްވި ގޮތުގައި، މި ޤައުމުތަކަކީ ކުރިމަތިވާ ހުރަސްތަކާއި ގޮންޖެހުންތަކުން އާ އީޖާދުތަކާއި އުފެއްދުންތެރިކަން ނެރެ، ރަށްތަކުގެ މެދުގައިވާ ދުރުމިން ކަނޑުވައިލާ ގާތްކަން އުފައްދާ ބައެކެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ޑިޖިޓަލް ގުޅުންތަކަކީ މިހާރު ވިޔަފާރިއާއި، މާލީ ދާއިރާއާއި، ފަތުރުވެރިކަމުގެ އިތުރުން އުފެއްދުންތެރިކަމުގެ ސިނާޢަތް ކުރިއަރުވާ އިޤުތިޞާދީ މައި ތަނބެކެވެ. މީގެއިތުރުން، ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތާއި ކުޑަކަމުން ކުރިމަތިވާ ހުރަސްތައް ނައްތައިލުމަށްޓަކައި، “މޯލްޑިވްސް 2.0” ސިޔާސަތުގެ ދަށުން ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފަމުންދާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ރާއްޖޭގައި ހިނގަމުންދާ އިޤްތިޞާދީ ޙަރަކާތްތަކަށް އަލިއަޅުއްވާލައްވަމުން، ޒުވާން ވިޔަފާރިވެރިންނާއި އަލަށް ފަށާ ސްޓާޓްއަޕްތަކަށް، ޚާއްޞަކޮށް އަންހެނުން ހިންގާ ވިޔަފާރިތަކަށް ސަރުކާރުން މާލީ އެހީތެރިކަން ދެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޒަމާނީ ކުރެވިފައިވާ ފޮރިން އިންވެސްޓްމަންޓް ޤާނޫނާއި، 2027 ގައި ހުޅުވުމަށް ހަމަޖެހިފައިވާ ޓްރޭޑް އެކްސެލެރޭޝަން ޒޯނަށް އިޝާރާތްކުރައްވައި، ލޮޖިސްޓިކްސް އަދި ފްލޯޓިންގ ސޯލާގެ ދާއިރާއިން އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރަމުންދާ ސްޓްރެޓީޖިކް މަސައްކަތްތައްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސް ވަނީ ޖަޒީރާ ޤައުމުތަކުގެ އުންމީދީ ޚިޔާލުތައް ވިޔަފާރިއާއި، ފައިނޭންސް، ޓެކްނޮލޮޖީ އަދި ބާޒާރުތަކާ ގުޅުވައިދޭ މައިގަނޑު މަންސައަކަށް ޖީ.ބީ.އެން ހެދުމަށް ޔޫ.އެން-އޯ.އެޗް.އާރް.އެލް.އެލް.އެސް އަށް އިލްތިމާސްކުރައްވާފައެވެ.
ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް (ޖީ.ބީ.އެން) ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި، ސިޑްސްގެ ޤައުމުތަކުގެ މިނިސްޓަރުންނާއި، ސަރުކާރުތަކުގެ އިސް ބޭފުޅުންނާއި، ސަފީރުންގެ އިތުރުން ދިވެހިރާއްޖޭގެ ކެބިނެޓް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް (ޖީ.ބީ.އެން) ފޯރަމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީއަށާއި، އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ މުހިންމު ބައްދަލުވުމެކެވެ. މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ޖަޒީރާ ޤައުމުތަކުގެ އީޖާދީ ޚިޔާލުތަކާއި ވިޔަފާރިތައް، ބައިނަލްއަޤްވާމީ މާލީ އެހީތެރިކަމާއި، ޒަމާނީ ފަންނިއްޔާތުގެ އިތުރުން ދުނިޔޭގެ ބާޒާރުތަކާ ގުޅުވައިދިނުމެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1