“ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅާފައިވާ
ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް މިނިސްޓްރީ އޮފް ހައުސިންގް، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ރަސްމީކޮށް ފަށައިފިއެވެ.
ހައުސިން މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި،ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށްދާއިރު، އާންމުން ހުށަހަޅާފައިވާ މައުލޫމާތުތައް އަޅާކިޔާނީ ސަރުކާރުގެ އެކި އިދާރާތަކާއި ކައުންސިލުތަކުން މިނިސްޓްރީއަށް ފޮނުވާފައިވާ ރަސްމީ ޑޭޓާތަކާއެވެ. މިގޮތަށް ބަލާއިރު އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތުގައި އެއްވެސް ފުށުއެރުމެއް ނުވަތަ ދިމާނުވުމެއް އުޅޭނަމަ، އެކަން ރަސްމީކޮށް އެޕްލިކަންޓަށް އަންގާނެކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، ކަނޑައެޅިފައިވާ 7 ދުވަހުގެ މުއްދަތުގައި އެޕްލިކަންޓުގެ ފަރާތުން އެއްވެސް ޖަވާބެއް ނުވަތަ ބޭނުންވާ ލިޔެކިޔުމެއް ހުށަނާޅައިފިނަމަ، އެ ފޯމަކީ ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބަލައި މަރުހަލާއިން އުނިކުރެވޭނެއެވެ.
“ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މިހާރުގެ ސަރުކާރުން ފަރުމާކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ސިޔާސަތުގެ ދަށުން ހުޅުވާލި ފުރަތަމަ ފިޔަވައްސަށް އެކަނިވެސް ޖުމްލަ 58,505 އެޕްލިކޭޝަން ފޯމު ވަނީ ހުށަހަޅާފައެވެ۔ މިއީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް މިހާ ގިނަ އަދަދެއްގެ ފޯމު ހުށަހެޅުނު ފުރަތަމަ ފަހަރެވެ۔ މި ސިޔާސަތުގެ ދަށުން ހިންގާ “އާއިލީ ބޯހިޔަވަހިކަން” ޕްރޮގްރާމްގެ ތެރެއިން 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ މައުލޫމާތުތައް “ބޯހިޔާވަހިކަން” ޕޯޓަލް މެދުވެރިކޮށް ހާމަކުރަމުންދެއެވެ.