ފާއިތުވި އަހަރާ އަޅާބަލާއިރު ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުގެ ޓެކުހުގެ (ޓީޖީއެސްޓީ) ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 6.6 އިންސައްތަ އިތުރުވުމާއެކު، ދައުލަތުގެ ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާގެ މިންވަރު 10.4 އިންސައްތަ މަތިވެއްޖެއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ދައުލަތުގެ މާލީ ހާލަތަށް މިފަދަ އެދެވޭ ކުރިއެރުމެއް ލިބުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ކާމިޔާބީތަކެވެ.
މާލީ ވުޒާރާއިން ކޮންމެ ހަފުތާއަކު ނެރޭ މާލީ ރިޕޯޓުތައް ދައްކާގޮތުން، މި ހިނގާ 2026 ވަނަ އަހަރުގެ އޯގަސްޓް 13 ގެ ނިޔަލަށް ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުގެ ޓެކުހުގެ (ޓީޖީއެސްޓީ) ގޮތުގައި ދައުލަތަށް 7.2 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 447.1 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއާއެކު، އަހަރުން އަހަރަށް ބަލާއިރު ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޓެކްސް އާމްދަނީ ވަނީ 6.6 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.
ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 10.7 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 7.9 އިންސައްތައިގެ ކުރިއެރުމެކެވެ. މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2026 ޖަނަވަރީން ފެށިގެން އޯގަސްޓް 13 ގެ ނިޔަލަށް ލިބުނު މި އާމްދަނީއަކީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 9.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
މީގެ އިތުރުން، މި ފައިސާގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާ ނޫން އާންމު މުދަލާއި ހިދުމަތުގެ ޓެކުހުން (ޖީއެސްޓީ) އެކަނިވެސް ދައުލަތަށް 3.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ނިމިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10.8 އިންސައްތައިގެ އިތުރުވުމެކެވެ.
ޓެކްސް ނޫން ގޮތްގޮތުން ދައުލަތަށް ލިބުނު އާމްދަނީ 5.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލިބުނު 5.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ. މާލީ ވުޒާރާގެ ހިސާބުތަކުން ދައްކާގޮތުގައި ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ރިސޯޓު މުއްދަތު ކުލިން ލިބުނު 1.2 ބިލިއަން ރުފިޔާ އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާ އެވެ.
ބޭރުގެ އެކި ފަރާތްތަކުން ދިވެހިރާއްޖެއަށް ދިން ހިލޭ އެހީގެ މިންވަރު ވަނީ އަހަރުން އަހަރަށް 90.1 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ ޖަނަވަރީން އޯގަސްޓް 13 އަށް ހިލޭ އެހީގެ ގޮތުގައި 242.1 މިލިއަން ރުފިޔާ ލިބުނުއިރު، 2026 ވަނަ އަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 460.4 މިލިއަން ރުފިޔާއަށް އުފުލިފައެވެ.
ސަރުކާރުން އިގްތިސާދު ރަނގަޅުކުރަން ފެށި ހަރުދަނާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު މިވަނީ ފެންނަން ފަށާފައެވެ. ހާއްސަކޮށް ފަތުރުވެރިކަން ކުރިއެރުވުމަށާއި އާމްދަނީ އިތުރުކުރަން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން، ދައުލަތަށް ލިބޭ ފައިސާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ އިތުރުން، ބޭރުގެ ގައުމުތަކާ ސަރުކާރުން ބާއްވާ ގާތް ގުޅުމުގެ ސަބަބުން ރާއްޖެއަށް ލިބުނު ހިލޭ އެހީ ދެގުނައާ ގާތްކުރާ އަދަދަކަށް އިތުރުވުމަކީ، މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ބޭރުގެ ފަރާތްތަކުން ކުރާ އިތުބާރު ބޮޑުކަން ހާމަވާ ކަމެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1