“ފްރެންޑް 4″މުދާ އުފުލާ ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު ދިވެހި ފުލުހުންގެ ޚިދުމަތުގެ ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ.
ހޯމް މިނިސްޓަރު އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު، ގެއްލުނު ފުލުސް ސާޖަންޓް އަލީ ނާފިޢުގެ އާއިލާއާ ބައްދަލުކުރެއްވީ ނ.މަނަދޫއިންނެެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މެސެޖެއް އާއިލާއަށް ރައްދުކޮށްދެއްވައި، ނާފިޢު ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ފުލުހުން ބުނި ގޮތުގައި، ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ސާޖަންޓް ޢަލީ ނާފިޢު ޤައުމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ގެއްލުމާ ގުޅިގެން އާއިލާއަށް ކުރިމަތިވެފައިވާ ބޮޑު ހިތާމައިގައި މުޅި ފުލުހުންގެ މުއައްސަސާ ބައިވެރިވާކަން ހާމަކުރައްވާފައެވެ. އަދި ނާފިޢުގެ ޚިދުމަތުގެ ރޫހަށް ތައުރީފުކުރައްވައި، ހާލުގައި ޖެހިފައިވާ ބަޔަކަށް އެހީވުމަށް ނުކުމެ އޭނާ ދެއްކެވި ހިތްވަރަކީ ފުލުހުން އުފުލާ ބުރަ މަސްއޫލިއްޔަތު ރަމްޒުކޮށްދޭ ލާމަސީލު މިސާލެއްކަން ސީޕީ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ނާފިޢު ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު ފުލުހުންގެ ހެޔޮދުޢާ އަބަދުވެސް އާއިލާއާއެކުވާނެ ކަމަށާއި، ފުލުހުންގެ މުއައްސަސާ އަބަދުވެސް ސާބިތުކަމާއެކު އާއިލާގެ އަރިހުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ސީޕީ އެރުއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޢަލީ އިޙްސާން ވަނީ ގެއްލުނު ފަރާތްތަކުގެ އާއިލާތަކުގެ ހިތާމައިގައި ސަރުކާރު ފުރިހަމައަށް ބައިވެރިވާކަން ހާމަކުރައްވައި، އޮފިސަރުން ދެއްކެވި ޤައުމީ މަތިވެރި ހިތްވަރު ފާހަގަކުރައްވާފައެވެ. އަދި ގެއްލުނު ފަރާތްތައް ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ވަރަށް ގާތުން ބައްލަވަމުން ކުރިއަށްގެންދަވާ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު އާއިލާއަށް ދެއްވިއެވެ.
މި ބައްދަލުވުމުގެ އިތުރުން، މި ހިނގާ އޯގަސްޓު މަހުގެ 12 ވަނަ ދުވަހު ހޯމް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ސާޖަންޓް ޢަލީ ނާފިޢުގެ އަނބިކަނބަލުންނާއި ދަރިކަލުންނާ ވެސް ބައްދަލުކުރައްވައި، ހިތްވަރު ދެއްވާފައެވެ.
މި ހިނގާ އޮގަސްޓް މަހުގެ 2 ވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރި “ފްރެންޑް 4” ސަޕްލައި ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ މަޢުލޫމާތު ލިބުނީ އޮގަސްޓް 5 ވަނަ ދުވަހުގެ ރޭގައެވެ. އެއާއެކު ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހިންގި ސަލާމަތީ ކުއްލި އޮޕަރޭޝަންގައި، ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ވަނީ ސަލާމަތްކޮށްފައެވެ. ނަމަވެސް، މި ހާދިސާގައި ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35 އަހަރު) ގެ އިތުރުން، މީހުން ސަލާމަތްކުރުމުގެ ބުރަ މަސައްކަތުގައި އުޅުނު ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢު (33 އަހަރު) އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39 އަހަރު) ވަނީ ކަނޑުމައްޗަށް ގެއްލިފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1