ދެކުނު އޭޝިއާގެ ޤައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އަވަސްކޮށް، މުދާ ކްލިއާކުރުމުގެ މަރުޙަލާތައް ފަސޭހަކުރުމަށްޓަކައި ދިވެހިރާއްޖެ ހިމެނޭ ގޮތަށް ސަރަޙައްދީ ހަތަރު ޤައުމެއްގެ ދެމެދުގައި ޚާއްޞަ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި ރާއްޖެއިން ސޮއިކުރި މި އެއްބަސްވުމަކީ މުދާ އެތެރެވުމުގެ ކުރިން ބޭނުންވާ މަޢުލޫމާތު ބަދަލުކޮށް، ކަސްޓަމްސްގެ ޚިދުމަތްތައް ޒަމާނީ ފެންވަރެއްގައި ގުޅާލުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.އެގޮތުން، ބަންގްލަދޭޝް، ބޫޓާން، އަދި ނޭޕާލާއެކު ވެވުނު މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މީގެ އިތުރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ދެކުނު އޭޝިއާގެ ޕްރިންސިޕަލް ރީޖަނަލް ކޯޕަރޭޝަން ސްޕެޝަލިސްޓް ޑރ. ޔުރެންދުރަ ބަސްނެޓް ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މަޢުލޫމާތު ދިން ގޮތުގައި، ދެކުނު އޭޝިއާގެ 4 ޤައުމެއްގެ ދެމެދުގައި ސޮއިކުރި އެއްބަސްވުމުގެ ސަބަބުން މުދާ ކްލިއާކުރުމުގެ މަރުޙަލާތައް އަވަސްވެ، ލޮޖިސްޓިކްސް ޚަރަދުތައް ކުޑަވެގެންދާނެއެވެ. މިކަމުގެ ސަބަބުން ސަޕްލައި ޗެއިންގެ ރައްކާތެރިކަން އިތުރުވެ، ވިޔަފާރިވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެކަމަށްވެސް އެކުންފުނިން ބުނެއެވެ.