ހުޅުމާލޭގައި ކުރިއަށްދާ އެމްޓީސީސީގެ ހިޔާ މަޝްރޫއަށް ބޭނުންވާ ބިމެއް ހަމަޖެއްސުމާ ގުޅޭގޮތުން އެޗްޑީސީއާ އެމްޓީސީސީގެ އިސްވެރިން މަޝްވަރާކޮށްފިއެވެ.
އެމްޓީސީސީއިން ހާމަކުރިގޮތުގައި މި ބައްދަލުވުމަކީ މަޝްރޫޢުގެ މަސައްކަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ބާރުމިނެއްގައި ކުރިއަށްގެންދިއުމަށްޓަކައި އެކަށީގެންވާ ބިމެއް ހޯދައި، އެކަމުގެ އިދާރީ އިންތިޒާމުތައް އަވަސްކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސުޢޫދީ އާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިޔާ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދެ ކުންފުނީގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށް ބޭނުންވާ ބިން ހަމަޖެއްސުމުގެ މުހިންމު ކަންކަމާ ވަނީ ފުންކޮށް މަޝްވަރާކުރައްވާފައެވެ.
އެމްޓީސީސީން ބުނީ، ‘ހިޔާ މަޝްރޫޢު’ ގެ ދަށުން އެ ކުންފުނީގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބިނާކުރަން ރޭވި ޓަވަރުތައް މިހާތަނަށް ވެސް ވުޖޫދަށް އައިސްފައި ނުވާތީ، އެކަމާ ކުންފުނީގެ ބޯޑާއި މެނޭޖްމަންޓުން އިންތިހާއަށް ހިތާމަކޮށް މާޔުސްވާ ކަމަށެވެ. މިއީ މުވައްޒަފުންގެ ހެވާއި ލާބައަށްޓަކައި ކޮންމެހެންވެސް ކޮށްދޭންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި އެ ކުންފުނިން ދެކެއެވެ. އެގޮތުން، މި މަޝްރޫޢު އަލުން ކުރިއަށް ގެންދިއުމަށްޓަކައި ހުޅުމާލެއިން ބިމެއް ހަމަޖައްސަވައިދެއްވުން އެދި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީއަކުން ހުށަހަޅުއްވާފައެވެ. އެމްޓީސީސީގެ މި ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޖާބަދެއްވައި، އެޗްޑީސީ މެދުވެރިކޮށް ބިމެއް ހަމަޖައްސަވައިދެއްވުމަށް އަންގަވާފައިކަމަށް އުކުންފުނިން މައުލޫމާތުދެއެެވެ.
އެމްޓީސީސީން ބުނި ގޮތުގައި، ރޭގަނޑާއި ދުވާލު ދާއޮހޮރުވައިގެން ބުރަކޮށް މަސައްކަތްކުރާ އިޚްލާޞްތެރި މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކުރުމަކީ ކުންފުނީގެ މެނޭޖްމަންޓްގެ އަބަދުވެސް އެންމެ ބޮޑު އަމާޒެވެ. އެހެންކަމުން، ބޯހިޔާވަހިކަމަކަށް އުންމީދުކޮށްގެން އެތައް އަހަރެއް ވަންދެން މާޔޫސްވެފައި ތިބި މުވައްޒަފުންނަށް މިއީ ލިބޭނެ ވަރަށް އުފާވެރި ޚަބަރެއް ކަމަށް އެ ކުންފުނިން ދެކެއެވެ. އެމްޓީސީސީގެ މިއަދުގެ މެނޭޖްމަންޓްގެ އަމާޒަކީ ބިން ހަމަޖެހުމާއެކު ވީހާވެސް އަވަހަކަށް މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފެށޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
އަދި ކުންފުނީގެ މުވައްޒަފުންގެ ހެވާއި ލާބައަށް މަސައްކަތް ކުރުންމަތީ އަބަދުވެސް ދެމިތިބޭނެކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ މުވައްޒަފުންނަށް އަރުވާފައެވެ.
ކުރީގެ ސަރުކާރުތަކުން ފެށި ‘ހިޔާ މަޝްރޫޢު’ ގެ ދަށުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި ފްލެޓް ޓަވަރުތަކެއް އެޅުމަށް ނިންމައި ބައެއް މަސައްކަތްތައް ކުރިއަށްގެންދިޔައެވެ. ނަމަވެސް، އެކި ސަބަބުތަކާހުރެ އެމްޓީސީސީގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށްނުގޮސް ގިނަ ދުވަސްތަކެއް ވަންދެން ވަނީ ހުއްޓިފައެވެ. މިކަމުގެ ސަބަބުން ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާއިރު، މިހާރުގެ ސަރުކާރުން އިސްނަގައިގެން މި މަޝްރޫޢު އަލުން ދިރުވައި، މުވައްޒަފުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެޗްޑީސީ މެދުވެރިކޮށް ބިން ހަމަޖެއްސުމަކީ މި ދާއިރާއިން ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1