ސައުދީ އަރަބިއްޔާގެ މައްކާގައި ބޭއްވި ބައިނަލްއަޤްވާމީ ކީރިތި ޤުރުއާން މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން ރާއްޖޭގެ އަލްޙާފިޡާ ފާޠިމަތު ޝާޔާ ޒާޙިރު މުޅި ދުނިޔެއިން ހަތަރު ވަނަ ޙާސިލްކޮށް، ގައުމަށް ރަންވަނައެއް ހޯދައިދީފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މުބާރާތުގެ ހަތަރުވަނަ ވަނައަށް ހޮވޭ ބައިވެރިއަކަށް ޚާއްޞަ އިނާމެއްގެ ގޮތުގައި އެއްލައްކަ ހަތްދިހަ ހާސް (170,000) ސައުދީ ރިޔާލް ކަނޑައަޅާފައިވެއެވެ. މިއީ މި މުބާރާތް ބާއްވަން ފެށި 46 އަހަރުގެ ދިގު ތާރީޚުގައި، އަންހެން ބައިވެރިންނަށް މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ދިން ފުރަތަމަ އަހަރެވެ. ދުނިޔޭގެ 133 ޤައުމަކުން ގިނަ އަދަދެއްގެ ހާފިޡުން ވާދަކުރި މި މުބާރާތަކީ މިހާތަނަށް ބޭއްވުނު 46 ވަނަ މުބާރާތެވެ.
މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރި ބައިވެރިއަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި މިފަދަ ޚާއްޞަ ވަނައެއް ލިބުމަކީ މުޅި ޤައުމަށް ލިބުނު ބޮޑު ޝަރަފެއް ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ފާހަގަކުރައްވާފައެވެ.
މުބާރާތުގެ ނަތީޖާ ފާޅުކުރުމަށްޓަކައި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށްޓަކައި ރޭ މައްކާގެ ޙަރަމްފުޅުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒެވެ. ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓަރުގެ އިތުރުން މަސްޖިދުލ ޙަރާމްގެ އިމާމު ޝައިޚު ޑރ. ޢަބްދުއްރަޙްމާނުއް ސުދައިސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި، ޚާއްޞަ މެހެމާނެއްގެ ގޮތުގައި ރާއްޖޭގެ އިސްލާމީ ވަޒީރު ޑރ. ޝަހީމް ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން ބައިނަލްއަޤްވާމީ މުބާރާތްތަކަށް ކުދިން ތައްޔާރުކުރުމަށާއި، ދިވެހި ޙާފިޡުންގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1