އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑޭޓާ ސައިންސް ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް ދޭ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ތަރައްޤީކުރުމަށް، ޗައިނާގެ ޔުނާން ޔުނިވަރސިޓީއާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ ފަހުމުނާމާގެ ދަށުން ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ނިންމައިފިއެވެ.
މި ފަހުމުނާމާގައި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ހޯމްލޭންޑްސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަދި އެންޑީއޭ ބޯޑުގެ ޗެއަރމަން އަޙްމަދު ޞިއްދީޤް އެވެ.
ހޯމްލޭންޑް މިނިސްޓްރީން ހާމަކުރި ގޮތުގައި، ޗައިނާގެ ޔުނާން ޔުނިވަރސިޓީއާއެކު ސޮއިކުރި މި ފަހުމުނާމާ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ސިއްޙީ އަދި ނަފްސާނީ ދާއިރާއަށް ބޭނުންވާ ޒަމާނީ ހައްލުތައް ހޯދުމަށާއި، މިކަމާ ގުޅޭ ދިރާސާތައް ކުރުމަށެވެ. މީގެ އިތުރުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މުވައްޒަފުންނަށް ބޭނުންވާ ޚާއްޞަ ތަމްރީނުތައްދީ، އެ ބޭފުޅުންގެ ގާބިލުކަން އިތުރުކުރުން ވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ. މި މަޝްރޫޢުގެ ދަށުން ކުރެވޭ އެންމެހައި މަސައްކަތްތައް މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގައެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ ފެތުރިފައިވާ މިންވަރު ކުޑަކުރުމަށާއި، މި ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ދެވޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމެކެވެ. ޚާއްޞަކޮށް، އެންޑީއޭގެ ޚިދުމަތްތައް ޒަމާނީކޮށް، ފަރުވާ ހޯދާ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ އެހީތެރިކަން ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
އެންޑީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ގާތްގަނޑަކަށް ބައި މިލިއަން މީހުންގެ އާބާދީއެއް އޮތް ދިވެހިރާއްޖޭގައި 10,000 އަށްވުރެ ގިނަ މީހުން ދަނީ މަސްތުވާތަކެތީގެ ވަބާއާ ކުރިމަތިލަމުންނެވެ. މިއީ ޤައުމުގެ ނިސްބަތުން ކަންބޮޑުވާންޖެހޭ ފަދަ ބޮޑު އަދަދެކެވެ. މި ވަގުތު ރާއްޖޭގެ މައިގަނޑު އާބާދީތައް ހިމެނޭ ސަރަޙައްދުތަކުގައި އެންޑީއޭއިން 9 ފަރުވާދޭ މަރުކަޒެއް ދަނީ ހިންގަމުންނެވެ.