ޖީއީ ހެލްތުކެއާގެ އެންމެ ފަހުގެ ‘ވީ ސްކޭން’ ޕޯޓަބަލް އަލްޓްރާސައުންޑް މެޝިންތައް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.
ޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޑިވައިސްތައް ބާޒާރަށް ނެރެދެއްވީ އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް އާއި ޖީއީ ހެލްތުކެއާގެ ދެކުނު އޭޝިއާގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫއެވެ.
އެސްޓީއޯ އިން މަޢުލޫމާތު ދިން ގޮތުގައި، މި އައު މޮޑެލްތަކުގެ ސަބަބުން މީގެ ކުރިން ކްލިނިކްތަކުގެ ކޮންސަލްޓޭޝަން ރޫމްތަކަށް އެކަނި ބަރޯސާވެފައި އޮތް ސްކޭންގެ ޚިދުމަތް، ޕޭޝަންޓާ ވީހާވެސް ކައިރިން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. އަދި ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގެ ކުދި ރަށްތަކަށް މި ޚިދުމަތް ފުޅާކުރުމުގައި މިއީ ލިބިގެންދާނެ ވަރަށް ބޮޑު ފުރުޞަތެއް ކަމަށް އެ ކުންފުނީގެ ހެލްތުކެއަރ ޓީމުން ފާހަގަކުރެއެވެ. އެޕަލް އަދި އެންޑްރޮއިޑް ފޯނުތަކާއި ލެޕްޓޮޕްތަކަށް ފަސޭހަކަމާއެކު ގުޅާލެވޭ މި ޑިވައިސްތަކުން ސްކޭންކުރާ އިމޭޖްތައް ‘ޑައިކޮމް’ ސްޓޭންޑަޑްގައި ޝެއަރ ކުރުމުގެ ޤާބިލުކަން ވެސް ލިބިގެންވެއެވެ.
އެސްޓީއޯ އިން ފާހަގަކުރި ގޮތުގައި ‘ޖީއީ ހެލްތުކެއާ’ އަކީ ރާއްޖޭގެ ރޭޑިއޮލޮޖިސްޓުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ، އަދި ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ވެސް ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަ ބްރޭންޑެކެވެ. ރާއްޖޭގައި މި ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ އެސްޓީއޯ އެވެ. މި ބްރޭންޑުގެ މެޝިނަރީޒްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ‘އަފްޓަރ ސޭލްސް ސަރވިސް’ ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯގެ ބަޔޯމެޑިކަލް ޓީމުން ވަނީ ކޮންމެ މޮޑަލިޓީއަކަށް ޚާއްޞަ އިންޖިނިއަރުން ތަމްރީނުކޮށްފައެވެ. އެގޮތުން އެމްއާރުއައި، ސީޓީ، މެމޮގްރަފީ އަދި އަލްޓްރާސައުންޑް ފަދަ ކޮންމެ ދާއިރާއަކަށް ސެޓިފައިޑް އިންޖިނިއަރުންގެ ޓީމެއް އެސްޓީއޯގައި އޮތްއިރު، މި ޓީމުގައި ދިވެހި އަންހެން އިންޖިނިއަރުން ހިމެނޭކަން އެ ކުންފުނިން ފާހަގަކުރެއެވެ.
އެސްޓީއޯ އިން ހާމަކުރި ގޮތުގައި، އަލަށް ތަޢާރަފްކުރި މި ޑިވައިސްއަކީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިއެރުމަށާއި، މި ދާއިރާއަށް ބޭނުންވާ ޚާއްޞަ އީޖާދީ އުފެއްދުންތައް ދިވެހިންނާ ހަމައަށް ގެނެސްދިނުމަށް އެ ކުންފުނިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއްކަން އެސްޓީއޯ އިން ބުނެއެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޭނުންވާ ފެންވަރު ރަނގަޅު މެޑިކަލް އިކުއިޕްމަންޓްތަކާއި ބޭސް އެތެރެކޮށް ފޯރުކޮށްދޭ އެއް ކުންފުންޏެވެ. ޚާއްޞަކޮށް، ދުނިޔޭގެ ކުރިއަރާފައިވާ ބްރޭންޑްތަކާ ގުޅިގެން ރާއްޖޭގެ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމަށާއި، ފަހުގެ ވަސީލަތްތައް ދިވެހިންނަށް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުމަށް އެސްޓީއޯ ހެލްތުކެއަރއިން ދަނީ ގިނަ އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1