ރޫސީވިލާތުން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި، ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ހަރުދަނާ ކުރުމަށް ރޫސީވިލާތުގެ ވެރިރަށް މޮސްކޯ އަދި ވިޔަފާރީގެ މަރުކަޒު ސެއިންޓް ޕީޓަރސްބާގަށް ކުރާ ދަތުރުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ބައިވެރިވާނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
މި މަހުގެ 17 އިން 21 އަށް ކުރިއަށްދާ މި މުހިންމު ދަތުރުގައި ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަމްސީލުކުރާ ބޮޑު ޑެލިގޭޝަނަކުން ބައިވެރިވެއެވެ. މީގެތެރޭގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، އެމް.އޭ.ސީ.އެލްގެ އިތުރުން ގައުމީ އެއަރލައިން، މޯލްޑިވިއަން ވެސް ހިމެނެއެވެ. މީގެއިތުރުން ރިސޯޓް ލައިފް ޓްރެވަލް، އިން ޓުއާ މޯލްޑިވްސް އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ އެހެނިހެން ކުންފުނިތަކުގެ މަންދޫބުން ވެސް މި ވަފުދުގައި ބައިވެރިވެއެވެ.
އެމް.އޭ.ސީ.އެލް އިން ހާމަކުރާ ގޮތުގައި ރޫސީވިލާތަކީ ދިވެހިރާއްޖެއަށް އެންމެ މުހިންމު އެއް ފަތުރުވެރިކަމުގެ މާކެޓެވެ. އަދި މި ދަތުރުގެ މައިގަނޑު ބޭނުމަކީ ރޫސީވިލާތުން ރާއްޖެއަށް އޮތް ބޮޑު ތަރުހީބުގެ މައްޗަށް ބިނާކޮށް، އެ މާކެޓު އިތުރަށް ފުޅާކޮށް ވަރުގަދަކުރުމެވެ.
މި ދަތުރުގެ ތެރޭގައި، މޮސްކޯ އަދި ސެއިންޓް ޕީޓަރސްބާގުގެ ސަރުކާރުގެ އިދާރާތަކާއި، އެއާލައިންތަކާއި، ޓުއާ އޮޕަރޭޓަރުންގެ އިތުރުން ޓްރެވަލް ޓްރޭޑް ބައިވެރިންނާ ރާއްޖޭގެ މަންދޫބުން ބައްދަލުކުރާނެއެވެ. މި ބައްދަލުވުންތަކުގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވޭނީ ރޫސީވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ ގޮތްތަކާއި، އެ މާކެޓުގައި ރާއްޖޭގެ ހަރަކާތްތެރިކަން އިތުރަށް ވަރުގަދަކުރުމުގެ މައްޗަށެވެ. މީގެއިތުރުން، ރާއްޖެ އިޝްތިހާރުކޮށް ވިއްކާ ބައިވެރިންނާއެކު މިހާރަށްވުރެ ގާތުން މަސައްކަތްކުރެވޭނެ ގޮތްތައް ހޯދުންވެސް މި މަޝްވަރާތަކުގައި ހިމެނެއެވެ.
އެމް.އޭ.ސީ.އެލް އިން އިތުރަށް ބުނިގޮތުގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އަށް މިހާރު ދަތުރުކުރާ އެއާލައިންތަކާއި އަލަށް ގުޅެން ބޭނުންވާ އެއާލައިންތަކާއެކު މި ދަތުރުގައި ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި، މިހާރު ދެމުންދާ ހިދުމަތްތަކުގެ ފްރީކުއެންސީއާއި ކެޕޭސިޓީ އިތުރުކުރުމަށާއި، އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ދަތުރުތައް މެދުކެނޑުމެއްނެތި ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. މީގެއިތުރުން، ވީ.އައި.އޭ އަށް އަލަށް ސީދާ ދަތުރުތައް ފެށުމުގެ ފުރުސަތުތަކާ ގުޅޭގޮތުންވެސް ހިޔާލު ބަދަލުކުރެވޭނެއެވެ.
ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް ކުންފުނިތަކާއެކު ބާއްވާ ބައްދަލުވުންތަކުގެ ސަބަބުން، ރޫސީވިލާތުގައި ތަރުހީބު އިތުރުވަމުންދާ ދާއިރާތައް ދެނެގަނެވޭނެއެވެ. އަދި ރާއްޖެ އިޝްތިހާރުކުރުމާއި ތަފާތު ޓްރެވަލް ޕެކޭޖުތައް މެދުވެރިކޮށް، އިތުރުވާ އެއަރލައިން ކެޕޭސިޓީއަށް އެއްބާރުލުން ދެވޭނެ ގޮތްތައް ހޯދުމަށް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށްވެސް އެމް.އޭ.ސީ.އެލް އިން ހާމަކުރެއެވެ.