ވަކި ޙުކުމެއް ކުރެވިފައި ނެތި، ދިގު މުއްދަތަކަށް ބަންދުގައި ބޭތިއްބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ އާދީއްތަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
މި ނިންމުމުގެ ދަށުން ޤާނޫނީ އަދި އިޖުރާއީ ގޮތުން ގިނަ ބަދަލުތަކެއް ގެނައުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބޭ މީހުން ނުވަތަ “ވާނުވާ” ގައި ތިބޭ މީހުންގެ މައްސަލަތައް އަވަސްކުރުމަށް ޚާއްޞަ އިސްކަމެއް ދެވޭނެއެވެ. މީގެ އިތުރުން ވަކި ގޮތެއް ނުނިމި ގިނަ ދުވަސްވެފައިވާ ބަންދު މީހުންގެ މައްސަލަތައް އަލުން ބަލައި، ބަންދުގެ މުއްދަތުތައް ދޭތެރެދޭތެރެއިން މުރާޖަޢާ ކުރެވޭނެއެވެ. އަދި ބަންދުކުރުމުގެ އިޖުރާއާތްތައް މިހާރަށްވުރެ ހަރުދަނާކޮށް، އިންސާފުވެރި ނިޒާމެއް ޤާއިމުކުރުމަށްޓަކައި ކަމާގުޅޭ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ މަސައްކަތްވެސް މި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.
ސަރުކާރުން ހާމަކުރައްވާ ގޮތުގައި މި އިޞްލާޙީ ބަދަލުތަކުގެ މައިގަނޑު މަޤްޞަދަކީ، ކުށެއް ނެތި ނުވަތަ ވަކި ޙުކުމެއް ނެތި ބަންދުގައި ހުންނަންޖެހޭ ހުރުން ނިމުމަކަށް ގެނެސް، ކޮންމެ ފަރުދެއްގެވެސް އިންސާނީ ޙައްޤުތައް ފުރިހަމައަށް ކަށަވަރުކޮށްދިނުމެވެ. އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ޖިނާއީ ޢަދުލުގެ ނިޒާމު ބައްޓަންކޮށް، ދުނިޔޭގެ ނިސްބަތުން ބަންދުގައި ތިބޭ މީހުން އެންމެ މަދު އެއް ޤައުމަށް ދިވެހިރާއްޖެ ހެދުމަކީވެސް މި ނިންމުމުގެ ބޮޑު އަމާޒެކެވެ.
ހަމަމިއާއެކު ،ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް،ވެސްވަޒީރުންގެމަޖިލީހުގައި ވަނީ ނިންމަވާފައެވެ.
ދިގު މުއްދަތަކަށް ވަކި ގޮތެއް ނުނިމި ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބުމުގެ ސަބަބުން ގިނަ ޢާއިލާތަކަކަށް ކުރިމަތިވަމުންދާ ތަކުލީފުތަކަށް ދާއިމީ ޙައްލެއް ހޯދުމަކީ މި ސަރުކާރުގެ މުހިންމު ވައުދެކެވެ. ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި “ވާނުވާ” ޖަހައި މީހުން ބަންދުގައި ބޭތިއްބުމުގެ މައްސަލަ އަކީ ގިނަ އަހަރުތަކެއް ވަންދެން ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޮތް ކަމެކެވެ.
މި މައްސަލަ ޙައްލުކުރުމަށްޓަކައި، އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ބަންދުގައި ތިބި މީހުންގެ ޝަރީޢަތްތައް އަވަސްކުރުމަށް މީގެ ކުރިންވެސް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކޮށްފައިވެއެވެ. ވަޒީރުންގެ މަޖިލީހުން މިފަހަރު ނިންމެވި ނިންމެވުމަކީ، ކޯޓުތަކާއި ތަޙުޤީޤީ އިދާރާތަކަށް ބޭނުންވާ ވަޞީލަތްތައް ހަމަޖައްސައިދީ، ޤާނޫނީ އޮނިގަނޑު އިޞްލާޙުކޮށްގެން ބަންދުގައި ތިބޭ މީހުންގެ އަދަދު ދުނިޔޭގެ ނިސްބަތުން އެންމެ މަދު ޤައުމަކަށް ރާއްޖެ ހެދުމަށް އެޅުނު ހަރުދަނާ ފިޔަވަޅެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1