ޤައުމީ ކުޅިވަރު ޓީމުތަކުގައި ހިމެނޭ އެތުލީޓުންނަކީ ދުންފަތުގެ އިސްތިޢުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި ބަޔަކަށް ހެދުމަށްޓަކައި، ޤައުމީ ޓީމުތަކުގައި ބައިވެރިވެވޭނީ ދުންފަތާ ދުރުހެލިވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ހެދުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
ދުންފަތާއި ނިކޮޓިންގެ ނުރައްކަލުން ރައްކާތެރިވުމަށް ހިންގާ ޤައުމީ ކެމްޕޭން ފުޅާކުރުމަށް، ރަށްރަށުގެ ޔޫތު އެސޯސިއޭޓުންނާއި ކުޅިވަރު ފަރާތްތައް ބައިވެރިކޮށްގެން ހޭލުންތެރިކަމުގެ ހަރަކާތްތައް މުޅި ރާއްޖެއަށް ފެތުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވެއެވެ.މި ނިންމުން ނިންމާފައިވަނީ މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
އެގޮތުން، މި ހަރަކާތުގައި މަދަނީ ޖަމުޢިއްޔާތަކުގެ ދައުރު ފުޅާކުރުމަށްޓަކައި، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން މި ކެމްޕޭނުގައި އިސްކޮށް އުޅޭނެ ފަރާތެއް މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާނެއެވެ. އަދި ކެމްޕޭނުގެ ފުރަތަމަ މަރުޙަލާ ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ޖަމުޢިއްޔާ، އަދި މާލޭ ސަރަޙައްދުން ގިނަ އަދަދެއްގެ ޖަމުޢިއްޔާތައް ބައިވެރިކޮށްގެންނެވެ.
މީގެއިތުުރުން، ދުންފަތާއި ނިކޮޓިންގެ ނުރައްކަލުން އަންނަން އޮތް ޖީލުތައް ސަލާމަތްކުރުމަށްޓަކައި، ސްކޫލް ނިޒާމުގެ ތެރެއިން ދުންފަތުގެ “ޖެނެރޭޝަނަލް ބޭން” ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްވެސް މަޖިލީހުން ވަނީ ނިންމާފައެވެ.