“ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026” މުބާރާތް ފެށުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މާލޭ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި، މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން ރައީސްގެ އަނބިކަނބަލުން ވަނީ މުބާރާތުގެ ރަސްމީ ބޯޅައިގައި ސޮއިކުރައްވާފައެވެ. އެއަށްފަހު، މުބާރާތް ހުޅުވުމުގެ މެޗުގައި ކުޅުނު ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ އެކަމަނާ ބައްދަލުކުރައްވައި ސަލާމްކުރެއްވިއެވެ.
މުބާރާތް ހުޅުވުމުގެ މެޗުގައި ބައްދަލުކުރީ ހުރަވީ ސްކޫލާއި ޖަމާލުއްދީން ސްކޫލެވެ. ހަތް މިނެޓުގެ ހަތަރު ކުއާޓަރަށް ބަހާލައިގެން ކުޅުނު މި މެޗު 3-23 ޕޮއިންޓުން ކާމިޔާބުކުރީ ހުރަވީ ސްކޫލުންނެވެ. މެޗަށްފަހު، އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ “ކުއީން އޮފް ދަ މެޗް” ގެ މަގާމު ހޯދި ހުރަވީ ސްކޫލުގެ އާމިނަތު ތުގާއަށް އިނާމު ހަވާލުކޮށްދެއްވީ ރައީސްގެ އަނބިކަނބަލުންނެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި،މި މުބާރާތަކީ ދިވެހިރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި ތަރައްގީކޮށް، ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް، ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ސިލްސިލާ މުބާރާތެކެވެ.
މީގެ ކުރިން މި މުބާރާތް ބާއްވަމުން އައިސްފައިވަނީ އިންޓަރ ސްކޫލް ނެޓްބޯލް ޓޯނަމަންޓްގެ ނަމުގައެވެ. “ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026″ގެ ނަމުގައި މިއަދު ފެށި މި މުބާރާތުގައި 2 އުމުރުފުރާއަކުން ޓީމުތައް ވާދަކުރެއެވެ. އެގޮތުން، 15 އަހަރުން ދަށުގެ އުމުރުފުރާގައި 14 ޓީމު، އަދި 17 އަހަރުން ދަށުގެ އުމުރުފުރާގައި 11 ޓީމު ވާދަކުރެއެވެ.