ކާބޯތަކެތީގެ ބާވަތްތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު،1000 އަށް ވުރެ ގިނަ ވޭޕް ކާޓްރިޖާއި ވޭޕް ޑިވައިސްތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން ހާމަކުރި ގޮތުގައި،ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވިގެން، ޖޫން 14 އަދި 15 ވަނަ ދުވަހު، މާލޭ ކޮމާޝަލް ހާބަރުގައި،ޚާއްސަ އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ.
އެގޮތުން މިއޮޕަރޭޝަންގައި ބަލާފާސްކުރެވުނު ޝިޕްމަންޓުގެ ތެރެއިން، ޕޮޓޭޓޯ ޗިޕްސް ދަޅު އަދި ޗޮކްލެޓް ޕައުޑަރ ޕެކެޓުތަކުގައި ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާފެނިފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ މައުލޫމާތުދީފައެވެ.ކަސްޓަމްސް އިން ބުނީ، ޖުމްލަ 1،108 ވޭޕް ކާޓްރިޖް އަދި 27 ޑިވައިސް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާކަމަށެވެ.
މީގެއިތުރުން ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވިގެން، ޖޫން 17 ވަނަ ދުވަހުވެސް ކަސްޓަމްސް އިން ވަނީ މާލޭ ކޮމާޝަލް ހާބަރުގައި،ޚާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ.ކަސްޓަމްސް އިން ހާމަކުރިގޮތުގައި،މި އޮޕަރޭޝަންގައި ބަލައިފާސްކޮށް، 5،600 ވޭޕް ކާޓްރީޖް ވަނީ އަތުލައިގެންފައެެވެ.
ދުންފަތް ކޮންޓްރޯލުކުރުމުގެ ޤާނޫނަށް ގެނައި ފުރަތަމަ އިސްލާހުގެ ދަށުން، 15 ޑިސެމްބަރު 2024 އިން ފެށިގެން ދިވެހިރާއްޖޭގައި ވޭޕް އެތެރެކުރުމާއި، ބޭނުންކުރުމާއި، ވިއްކުމާއި އަދި ހިލޭ ބެހުން ވަނީ މަނާކޮށްފައެވެ.މިގާނޫނާ ޚިލާފުވާ ފަރާތްތަކަށް ވަނީ ބޮޑެތި ޖޫރިމަނާތަކެެއް ކަނޑައަޅާފައެވެ.ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، ވޭޕް މަނާކުރި ފަހުން މިހާތަނަށް ޤަވާއިދާ ޚިލާފަށް އެތެރެކުރަން އުޅުނު މައްސަލަތަކުގައި ކުރެވުނު ޖޫރިމަނާގެ ޖުމްލަ 400 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އަރައެވެ.