ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި (މީސަލްސް) ޖެހިފައިވާ އިތުރު 5 މީހަކު ފެނިއްޖެއެވެ.
އެގޮތުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި، މި އާ ކޭސްތަކާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއިން ފެނުނު ހިމަބިހީގެ ޖުމްލަ އަދަދު މިހާރު ވަނީ 20 އަށް އަރާފައެވެ.އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ މީހުންނެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ދިވެހިން ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
މިހާތަނަށް ފެނުނު ކޭސްތަކާ ގުޅިގެން ޖުމްލަ 489 ކޮންޓެކްޓުން (ބަލިމީހުންނާ ދިމާވި މީހުން) އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފައެވެ.މީގެ ތެރެއިން ބަލި ފެތުރުމުގެ ފުރުސަތު ބޮޑު، އެކްޓިވް 88 ކޮންޓެކްޓުންގެ ހާލަތު ކަމާބެހޭ ފަރާތްތަކުން ދަނީ ވަރަށް ގާތުން މޮނިޓަރު ކުރަމުންނެވެ. ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި އެޗްޕީއޭ އިން ދަނީ ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
- ކޮންޓެކްޓުންނަށް ވެކްސިން ދިނުން: ޕޮޒިޓިވްވި މީހުންނާ ދިމާވި މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުވާ 220 ކޮންޓެކްޓަކަށް މިހާތަނަށް ވަނީ ވެކްސިން ދީފައެވެ.
- ފްރަންޓްލައިން ސިއްހީ ހިދުމަތްތެރިން: ބަލިމީހުންނާ ސީދާ ދިމާވާ ފްރަންޓްލައިންގައި މަސައްކަތްކުރާ 1,118 ސިއްހީ ހިދުމަތްތެރިއަކަށް މިހާރު ވަނީ ވެކްސިން ޖަހާފައެވެ.