މިއަހަރުގެ ތެރޭގައި ރާއްޖޭގައި ތިބި ޒުވާން ޚަޠީބުންގެ ޢަދަދު 1,000 އަށް އަރާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި މިނިސްޓަރު ވިދާޅުވީ އިސްލާމީ އައު ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. އެގޮތުން ޒުވާން ޚަޠީބުންގެ އިތުރުން، ރާއްޖޭގައި ތިބި ކީރިތި ޤުރުއާން ހިތުދަސް ކުރި ޙާފިޒުންގެ ޢަދަދުވެސް މިއަހަރުގެ ތެރޭގައި 350 އަށް ގާތްކުރާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އިސްލާމީ ޢުމްރާނީ ތަރައްޤީއާއި މާލީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދާ ބިޔަ ބޮޑު ވަޤުފު ބިނާތަކުގެ މަސައްކަތް މިއަހަރުގެ ތެރޭގައި އެއްކޮށް ނިމިގެންދާނެ ކަމަށެވެ. އަދި ވަޤުފު ފަންޑާއި ޒަކާތު ފަންޑު އިތުރުވެ، މިހާރު ފަށާފައިވާ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތްތައް ނިމުމަކާ ގާތްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށާއި، އަތޮޅުތަކާއި ހުޅުމާލޭގައި ބިނާކުރަމުންދާ ދާއިމީ ގިނަ މިސްކިތްތަކެއް ނިންމައި އާންމުންނަށް ހުޅުވައިލެވޭނެ ކަމަށް މިނިސްޓަރު ބަޔާންކުރެއްވިއެވެ.
އެހެންކަމުން ކުރިއަށް އޮތް އިސްލާމީ ޤަރުނަށް ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ އަސާސްތައް ވަރުގަދަކުރުމުގެ ހަރުދަނާ ބިންގާތަކެއް މިއަހަރު އެޅިގެންދާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ.
ސަރުކާރުގެ އެންމެ ބޮޑު ޢަޒުމަކީ ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދަމަހައްޓާނެ ހަރުދަނާ ޖީލެއް ބިނާކުރުމާއި، ރާއްޖެއަށް ވަރުގަދަ އިސްލާމީ ޢުމްރާނީ ކުރިއެރުމެއް ގެނައުން ކަމަށްމިނިސްޓަރު ވިދާޅުވިއެވެ.