ދިވެހި އުންމަތުގެ ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް ކަމަށް ބަޔާންކުރައްވައި، ސިޔާސީ އަދި އިޖުތިމާޢީ ބައިބައިވުންތައް އެއްކިބާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ނެރުއްވި ހިތޯބުގައި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މީގެ އަހަރުތަކެއް ކުރިން މަދީނާގެ އަންޞާރީންނާއި މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫޙު މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމަޢުގައި ދިރުވަން އެބަޖެހެއެވެ. އަދި ސިޔާސީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އުފެދޭ ޚިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކޮށް، ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރުމަކީ މިއަދު މި ބަރަކާތްތެރި މުނާސަބަތުން އަޅުގަނޑުމެން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޤައުމެއް ބިނާކޮށް އާރާސްތު ކުރެވޭނީ އެންމެންގެ ހިތްތައް ސާފުވެ، އެއް އަމާޒަކަށް ދިޔުމަށް އެންމެން އެކުގައި އަތުގުޅާލައިގެން މަސައްކަތް ކޮށްގެން ކަމަށެވެ.
އެހެންކަމުން، މިއަދު ދިވެހި ރައްޔިތުންވެސް ޢަޒުމް ކަނޑައަޅަންވީ އަމިއްލަ ނަފްސުތަކާއި މުޖުތަމަޢު އިޞްލާޙުކޮށް، ނޭދެވޭ އެންމެހައި ކަންކަމުން ދުރުވެ، ހެޔޮކަމުގެ މަގަށް ހިތާއި ނަފްސުން ހިޖުރަކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ އަދި އެންމެ މުހިންމު އެއް އަމާޒަކީ އިސްލާމީ ޞައްޙަ ޢަޤީދާގެ ބިންގަލުގެ މަތީގައްޔާއި ދިވެހިވަންތަ ރިވެތި އަޚްލާޤުގެ މަތީގައި ބޮޑުވާ، ދީނާއި ޤައުމަށް ވަފާތެރި ޖީލެއް ބިނާކުރުމެވެ. ދިވެހީންގެ މެދުގައި އޮތް ސައްތައިންސައްތަ އިސްލާމީ ވަޙްދަތަކީ ޤައުމުގެ އެންމެ ބޮޑު ބާރުކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ އިސްލާމީ މަތިވެރި އުސޫލުތައް ހިމާޔަތްކޮށް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި، ހުރިހާ ރައްޔިތުންނަށް ޢަދުލުވެރިކަމާއި ހަމަހަމަކަން ކަށަވަރުކޮށްދިނުމަށް ކަމަށެވެ. އަދި އެ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަބަދުވެސް އޮންނާނެ ކަމުގެ ދިފާއީ ކަށަވަރުކަންވެސް ރައީސް މުޢިއްޒު ވަނީ މި މުނާސަބަތުގައި ދެއްވާފައެވެ.
ރައީސް ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަނެވޭނީ އާ އީޖާދުތަކާއެކު ހީވާގިކަމާއި މުރާލިކަމާއެކު މަސައްކަތް ކޮށްގެން ކަމަށެވެ. އެހެންކަމުން، އިސްލާމީ އުސޫލުތަކާއި ދިވެހިވަންތަ ސަގާފަތް ދަމަހައްޓައި، ހުރިހާ ރައްޔިތުން އެކުއެކީގައި މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ. މީގެއިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް ފަލަސްޠީނުގެ ބިމުގައި އަނިޔާ ލިބެމުންދާ މުސްލިމް އަޚުންނާއި އުޚުތުންނަށް ހެޔޮދުޢާ ކުރުމުގައި ދެމިތިއްބެވުމަށްވެސް ރައީސް މުޢިއްޒު ހަނދާންކޮށްދެއްވިއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1