މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓުތަކުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ކެޓަގަރީން ފުލެޓަށް އެދި ހުށަހެޅުމުގެ ތާރީޚު އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހަށް ފަސްކޮށްފިއެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނީ، މި ކެޓަގަރީން ފުލެޓަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީޚު އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މިހާރު ލަސްކޮށްފައިވާ ކަމަށެވެ. މި ކެޓަގަރީގެ ޝަރުޠުތަކަށް ބަދަލުތަކެއް ގެނެސް، ފްލެޓަށް އެދި ހުށަހެޅުމަށް މީގެ ކުރިން ނިންމާފައި އޮތީ މި ހިނގާ މާރިޗު މަހުގެ 24 ވަނަ ދުވަހުއެވެ. ނަމަވެސް، މި ތާރީޚު ފަސްކުރަން ޖެހުނު ވަކި ސަބަބެއް އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި 5 އަހަރު ވެފައިވާ މީހުން ހިމެނެއެވެ. މީގެ އިތުރުން، އަމިއްލަ ރަށުން ނުވަތަ އަތޮޅުން ލިބެން ނެތް ފަރުވާ ހޯދުމަށްޓަކައި މާލެ ސަރަހައްދުގައި ދިރިއުޅެން ޖެހިފައިވާ، އަދި ވޭތުވެދިޔަ 1 އަހަރު މާލެ ސަރަހައްދުން ފަރުވާ ހޯދާފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް މި ކެޓަގަރީގެ ދަށުން ކުރިމަތިލެވޭނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފްލެޓު ކެޓަގަރީގެ ޝަރުތުތަކަށް ބަދަލުތަކެއް
ސަރުކާރުން ނިންމާފައިވަނީ މި ކެޓަގަރީއަށް ޖުމްލަ 100 ފުލެޓު ޚާއްޞަކުރުމަށެވެ. މިއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިސްކަންދީ، އެފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ މަޤްޞަދުގައި ކުރާ ކަމެއް ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ފުލެޓަށް އެދި ހުށަހަޅަންޖެހޭނީ “ބޯހިޔާވަހިކަން” ޕޯޓަލް (https://boahiyaavahikan.housing.gov.mv) މެދުވެރިކޮށެވެ. އަދި އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްޞީލު ގެޒެޓުކޮށްފައިވާ އިޢުލާނުގެ ޖަދުވަލުގައި ހިމަނާފައިވާނެ ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ހައުސިން މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 4004860 އިން ފެށިގެން 4004865 އަށް ގުޅުއްވުމަށް ނުވަތަ hotline@infrastructure.gov.mv އަށް އީމެއިލް ކުރެއްވުމަށް އެ ވުޒާރާއިން އިރުޝާދު ދެއްވައެވެ.