މޫސާ އަލީ ޖަލީލަކީ އަމާނަތްތެރިކަމާއެކު ސަރުކާރުންގެ މަސައްކަތް ކުރައްވާނެ ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު މާލޭގެ މޭޔަރަކަށް މޫސާ އަލީ ޖަލީލް އިހްތިޔާރު ކުރެއްވީ ސަރުކާރުން މާލޭގެ ރައްޔިތުންނަށްޓަކައި ފަށާފައިވާ މަސައްކަަތްތަކާއި އެމަނިކުފާނުގެ ވައުދުފުޅުތަކާ އެއްގޮތަށް އަމާނަތްތެރިކަމާއެކު ކުރައްވާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. އަދި ގައުމަށް ހިދުމަތްކޮށްދެއްވާފައިވާ ބޭފުޅަކަށް ފުރުސަތު ދެއްވުމަށް ކަމަށާއި ރައީސްގެ ހުށައެޅުއްވުން މޫސާ އަލީ ޖަލީލް ބަލައިގަތްކަމަށްޓަކާ އޭނާއަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރަކީ ރައްޔިތުންގެ އަޑުއަހައި ރައްޔިތުންގެ ވިންދާ އިހުސާސްތައް، ގާތުން ދެނެގަނެ އެއާ އެއްގޮތަށް ކަންތައް ކުރައްވާ ސަރުކާރެއް ކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ސަރުކާރާ ދެކޮޅު ވިސްނުންތައް ވަނުމުގެ ފުރުސަތުނުދީ، ސިޔާސީ ޖަގަޑާ ހަނދައި އެކި ކަހަލަ ގޮތްގޮތުން ރައްޔިތުންނާއި ސަރުކާރާ ދޭތެރެއަށް ހުރަސްތަކެއް ކުރިމަތިވާނެ ފުރުސަތު ކައުންސިލް އިންތިހާބުގައި ނުދިނުމަށް ރައީސް ވަނީ އެދިވަޑައިގަނެފައެވެ.
މިހެންވެ ޕީއެންސީގެ ޓިކެޓްގައި އިންތިހާބު ކުރާ 1300 އަށް ވުރެ ގިނަ ކެޑިޑޭޓުންނަށް ފުރުސަތުދީ ހޮވާދިނުމަށް ރައީސް ވަނީ ރައްޔިތުންނަށް ގޮވާލާފައެވެ.